ގުރައިދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގަތް ޝާޒް މެމްބަރުކަމުގެ ހުވާކުރައްވައިފި

މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ، ކ. ގުރައިދޫ ދާއިރާގެ މެމްބަރުކަމަށް އަލަށް އިންތިޚާބުވެވަޑައިގަތް، އަލްފާޟިލް އިބްރާހީމް ޝާޒު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރައްވައިފިއެވެ.
ޝާޒް، މެމްބަރުކަމުގެ ހުވާކުރައްވާފައިވަނީ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހާޒިރުގައެވެ. މެމްބަރު ޝާޒަށް ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ޝާޒް އިންތިޚާބުވެވަޑައިގެންފައި މިވަނީ، އެ ދާއިރާ ތަމްސީލުކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެފުރަތަމަ އިންތިޚާބުވެވަޑައިގަތް މެމްބަރު، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ، މި މަހުގެ 15 ވަނަ ދުވަހުއެވެ.
މި އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ޝާޒް ވާދަކުރެއްވިއިރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ވާދަކުރެއްވީ، ހުސެން ރިޒާއެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރެއްވީ، އަލީ އަރީފެވެ.
މި އިންތިޚާބު ޝާޒް ކާމިޔާބުކުރެއްވީ، 1346 ވޯޓާއެކު، ވޯޓުލީ މީހުންގެ 49.96 އިންސައްތަ ވޯޓު ހޯދައިގެންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 45.51 އިންސައްތައެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އަރީފަށް 122 ވޯޓު ލިބުނުއިރު އެއީ ވޯޓުލީ މީހުންގެ 4.53 އިންސައްތައެވެ.
އިލެކްޝަން ކޮމިޝަނުގެ ދާއިމީ ނަތީޖާ ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3423 މީހުންނަށް ލިބިފައިވާއިރު އޭގެތެރެއިން 2755 މީހުންވަނީ ވޯޓުލާފައެވެ. އެއީ 80.48 އިންސައްތައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ޝާޒް ކާމިޔާބުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރައްވާފައިވާއިރު، މިއީ އެ ޕާޓީއަށް އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވީ 14 އަހަރުގެ ތެރޭގައި ޕީޕީއެމްގެ ކެންޑިޑޭޓު ނޫން ކެންޑިޑޭޓަކަށް މި ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަފަހަރު ވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ