ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.
މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އަލީ ހަމީދު ސޮއިކުރެއްވީ، އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ޕާޓީގެ ލީޑަޝިޕް ބޭފުޅުންގެ ހާޒިރުގަ އެވެ. އޭނާ ސޮއިކުރެއްވުމާ އެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 68 އަަށް އެރީ އެވެ.
އަލީ ހަމީދު ވަކިވެވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ދެ ބޭފުޅުންނެވެ. އެއީ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.
އަލީ ހަމީދު "މިހާރު"އަށް ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާތީ ކަމަށެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުމެއް އެއްވެސް ސަރުކާރަކަށް މިހާތަނަށް ގެނެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ގައުމަށް ހަމަޖެހުން ގާއިމްކުރެވިއްޖެ، މި ހަމަޖެހުން ދެމިއޮންނަން ޖެހޭ،" އަލީ ހަމީދު ވިދާޅުވި އެވެ.
"ގާނޫނީ އިމުން ބޭރުގައި މީހުން ހައްޔަރުކުރުމާއި އަނިޔާވެރިކަމަށް މި ސަރުކާރުގައި ޖާގަ ނެތްކަން މިއޮތީ ސާފުކޮށް ފެންނަން."
އަލީ ހަމީދު ޖުމްހޫރީ ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
އަލީ ހަމީދު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އިންތިހާބުތަކުގައި އަބަދުވެސް ގިނަ ބަޔަކު ވޯޓުދީފައި ވަނީ ގައުމުގައި ހުންނެވި ރައީސަކަށް ދެ ވަނަ ދައުރެއް ކަށަވަރުވިޔަ ނުދިނުމަށެވެ. އެކަމަކު މި ފަސް އަހަރަށް ބަލާއިރު މިފަހަރު، ވެރިއެއްގެ ދެ ވަނަ ދައުރު ފުރިހަމަކުރަން ޖާގަދީ، ހަމަޖެހުމާއި ތަރައްގީގެ މިސްރާބަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ޖުމްހޫރީ ޕާޓީ މި ދޫކޮށްލެވީ މި ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބުގައި ވަކިން ވާދަކުރައްވަން ނިންމެވުމާ އެކު ޕާޓީގައި ތިއްބެވި ބައެއް ބޭފުޅުން ޖޭޕީއާ ފެއަށް ޖެހިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު އޮތް ކަން ހާމަކުރައްވަމުން ގެންދަވަނިކޮށެވެ.
ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތީ، އަލީ ހަމީދު ވިދާޅުވި ގޮތުގައި، ސިޔާސީ މަސައްކަތްތައް ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުރެއްވި ލީޑަރު، ގާސިމާ މެދު އެއްވެސް ހިޔާލުތަފާތުވުމެއް އޮވެގެން ނޫނެވެ. އެ ޕާޓީގެ ނިންމުމާ ދޭތެރޭގައި ވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި ގާސިމަކީ އަދިވެސް ވަރަށް އިހްތިރާމްކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
"އެކަމަކު މިއީ ސިޔާސީ މަސައްކަތް، މި މަސައްކަތުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ ގައުމުގެ ހަމަޖެހުމާއި ކުރިއެރުމާއި ރައްޔިތުންގެ ފައިދާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މެމްބަރު އަލީ ހަމީދު ޖޭޕީން ވަކިވެ އެމްޑީޕީއަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ