"ދެ ރައީސުން"ގެ މައްސަލަ ދެވަނަ ފަހަރަށް ކޯޓުން ބޭރުކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކާ މެދު ގާނޫނީ ސުވާލު އުފެދިފައިވާ ކަމަށް ބުނެ އެކަމުގައި ގޮތެއް ނިންމުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ދެވަނަ ފަހަރަށް ކޯޓުން ބޭރުކޮށްލައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސާޖަރީއެއް ހެދުމަށް، އެމަނިކުފާނުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ކަމަށާއި ރައީސްކަމުގެ މަގާމުން އިބްރާހިމް މުހައްމަދު ސޯލިހް ވަކިވެފައިވާ ކަމަށް ބުނެ، ޕީޕީއެމްގެ ގާނޫނީ ޓީމުގައި ހިމެނޭ އަހްމަދު ސިއްދީގު އިސްވެ ހުންނަވައިގެން މިމައްސަލަ ސުޕްރީމް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުއެވެ.
އެ ފަަހަރު މިމައްސަލަ ބޭރުކޮށްލީ މިދިޔަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ.
ސިއްދީގުގެ ނަމުގައި ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅީ ކުރީގެ ހުށަހެޅުމުން ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމެވުމުން އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި މިމަހުގެ 20ވަނަ ދުވަހުގައެވެ.
ސްޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން، މިދިޔަ އާދީއްތަ ދުވަހު ނިންމީ ހުށަހަޅާފައިވާ ކަންކަމުގައި ގާނޫނީ ޝަރުއީ ގޮތުން ބަހުސްކުރެވޭ ފަދަ ނުކުތާއެއް ހުށަހަޅާފައި ނުވާތީ، ކުރީގެ ނިންމުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.
މިއީ ގާނޫނުއަސާސީ މާނަކުރުމާއި އާންމު މަސްލަހަތާ ގުޅުން ހުރި ދުސްތޫރީ މައްސަލައެއް ކަމަށް، މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުގައި ބުނެފައި ވިޔަސް މި މައްސަލައިގެ ސީޣާ އަދި ދައުވާ ބިނާކުރި ސަބަބުތަކަށް ބެލިއިރު މިއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ރަޖިސްޓްރާ އޮތީ ކުރިން ނިންމަވައިފައެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25ވަނަ ދުވަހުގެ ހެނދުނު 6ގައި ނައިބު ރައީސްއާ ޒިންމާތައް ހަވާލުކުރެއްވުމަށް ފަހު ރައީސް އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ ހެނދުނު 9:30ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވީ ޤާނޫނު އަސާސީގެ 123ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހުގައެވެ.
ސަރުކާރުން ބުނާ ގޮތުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ވަގުތީގޮތުން ޢުޒުރުވެރިވެޑައިގަންނަވާ ޙާލަތެއް މެދުވެރިވެފައިވާތީ ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާއި، ހަވާލުކުރެއްވީ ގާނޫނުއަސާސީގައިވާ ގޮތަށެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި އެކަމުގައި ގާނޫނީ މައްސަލަތަކެއް މިހާރު ވަނީ އުފެދިފައެވެ. އަދި މިވަގުތު ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ދެ ބޭފުޅުން ތިއްބެވި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަބޫލުކުރަން ދެކޮޅުވެސް ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ