ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކާއި ދަނޑު ބިންތަކަށް ގެއްލުންވެއްޖެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރެވެހުނުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރެކޯޑްކޮށްފައި ވަނީ އައްޑޫ ސިޓީ ގަމާއި ހުޅުމީދޫއަށެވެ. އެގޮތުން ގަމަށް 120 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުމީދުއަށް 113 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ ރެކޯޑްކޮށްފައެވެ.
ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދުއާއި ފޭދޫގެ ގެތަކަށް ފެންވަދެ ވަނީ ގެއްލުން ލިބިފައެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ ހިތަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 16 ގެއަކަށާއި، 7 ގެއެއްގެ ދަނޑު ބިންތަކަށް އެކި ވަރުގެ ގެއްލުންތައް ކުރިމަތިވިކަމަށެވެ. މީގެއިތުރުން ސ.ފޭދޫގެ 8 ގެއަކަށްވެސް ފެންވަދެ ގެއްލުންވެގެންވެސް ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް، އެހީ ފޯރުކޮށްދެންޖެހޭ ޙާލަތަށް އެއްވެސްކަމެއް ގޮސްފައިނުވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށި ކުރަމުންދާ ވިއްސާރައެވެ. ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށްވެސް ދަނީ ވިއްސާރަކުރަމުންނެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއާ ދެކުނުގެ މޫސުން ގޯހެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އަދި ޔެލޯ އެލަރޓްތައްވެސް ނެރެމުންނެވެ. އެގޮތުން ރޭ ދަނވަރު ޔެލޯ އެލަރޓް ނެރެފައިވާއިރު، މިއަދު ހެނދުނު ވަނީ ބޮޑު ސަރަޙައްދަކަަށް ވައިޓް އެލަރޓް ނެރެފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާ މެދުރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނަކަމަށް މެޓުން ވަނީ ލަފާކުރައްވާފައެވެ. ވައިޖެހެމުންދަނީ 15މޭލާ 25 މެލާ މެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެއެވެ.
މުޅި ރާއްޖެއަށްވެސް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައެވެ. އެހެންކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން މޫސުން ގޯސްވެ ކަނޑުމަތީގެ ބައެއް ހާދިސާތައްވެސް ވޭތުވެދިޔަ ދެތިންދުވަހު ވަނީ ހިނގާފައެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވެނީ އަންނަ އަންގާރަދުވަހުއެވެ.
ވިއްސާރައިގައި އައްޑުއަށް ގެއްލުން، މިއަދުވެސް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ