ހޮރްމޫޒް ކަނޑުއޮޅިން 100 މިލިއަން ފީފާގެ ތެޔޮ ސިއްރުން ފޮނުވައިދިނިން: ޓްރަމްޕު

އެމެރިކާ އަދި އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ބޮޑުބައެއް ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅިން، 100 މިލިއަނަށްވުރެ ގިނަ ފީފާގެ ތެޔޮ ރައްކާތެރިކަމާ އެކު އެމެރިކާގެ އަސްކަރިއްޔާއިން ސިއްރިއްޔާތުގައި ބޭރުކޮށްދީފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
"ވޭތުވެދިޔަ މަހު، ތެޔޮ އުފުލާ ބޯޓުފަހަރާއި އެހެނިހެން ވިޔަފާރި އުޅަނދުތަކަށް އެހީތެރިވެ، ހޮރްމޫޒް ކަނޑުއޮޅިން އެ ތަކެތި ފޮނުވުމަށްޓަކައި ސިއްރު މިޝަނެއް ކުރިއަށް ގެންދިއުމަށް ވާނީ އަޅުގަނޑުމެންގެ ވަރުގަދަ އަސްކަރިއްޔާއަށް އަންގާފައި،" ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާއަށް ކަމަށް ދައުވާކުރައްވަމުން ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
"މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 100 މިލިއަނަށްވުރެ ގިނަ ފީފާގެ ތެޔޮ ކަނޑުއޮޅި ހުރަސްކޮށް ބައިނަލްއަގުވާމީ ބާޒާރަށް ފޯރާފައިވާކަން އިއުލާނު ކުރުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" 200 އަށްވުރެ ގިނަ ވިޔަފާރި އުޅަނދު އެ ސަރަހައްދު ހުރަސްކޮށްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އެމެރިކާއިން ވަނީ ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް އަސްކަރީ ހިމާޔަތް ދިނުމުގެ އޮޕަރޭޝަނެއް މެއި މަހުގެ ކުރީކޮޅު "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި ފަށައިފަ އެވެ. ނަމަވެސް، އެންމެ ދުވަހަކަށްފަހު އެ މަސައްކަތް ހުއްޓާލި އެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އެއީ އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ގައި ފެށި މެދުއިރުމަތީގެ ހަނގުރާމަ ނިންމުމަށްޓަކައި އެޅި ފިޔަވަޅެކެވެ.
މެއި މަހުގެ ފަހުކޮޅު އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މަސައްކަތް އަލުން ވަނީ ފަށައިފަ އެވެ. ނަމަވެސް، މެދުއިރުމަތީގައިވާ އެމެރިކާގެ ސިފައިންގެ ކަންކަން ބަލަހައްޓާ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެ ދުވަސްވަރު ބުނެފައިވަނީ، އެމެރިކާގެ ކަނޑުގެ ސިފައިން އަލުން "ވިޔަފާރި އުޅަނދުތަކަށް ހިމާޔަތްދީ ނުވަތަ އެހީތެރިވާން" ފަށާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ