ފައިސާ ހޯއްދަވަން ރައީސް އިބްރާހީމް ފޮނުއްވި ސިޓީއަށް ސައުދީން ޖަވާބެއް ނުދިން

ބަޖެޓު ސަޕޯޓަށް ސައުދީގެ އެހީތެރިކަމަށް އެދިވަޑައިގެން ފައިސާ ދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ފޮނުއްވި ސިޓީއަށް އެ ޤައުމުން އަދިވެސް ޖަވާބު ނުދޭކަން ހާމަވެއްޖެއެވެ.
އާމްދަނީއަށްވުރެ ސަރުކާރުގެ ޚަރަދު ބޮޑުވުމާ ގުޅިގެން ބަޖެޓު ފޫބެއްދުމަށް އިންޑިއާއިން ގިނަ އަދަދެއްގެ ލޯނު ސަރުކާރުން ނަގާފައިވެއެވެ. އަދި ކޮންމެ އަހަރަކުވެސް އެކި ޤައުމުތަކުން ބަޖެޓު ސަޕޯޓަށް ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތްކުރެއެވެ.
ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލެއް ނަން ހާމަނުކުރުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ގޮތުގައި ސައުދީން ބަޖެޓު ސަޕޯޓަށް ފައިސާ ހޯއްދަވަން އެދިވަޑައިގެން ރައީސް އެ ޤައުމަށް ސިޓީއެއް ފޮނުއްވީ އޮކްޓޯބަރު މަހުގައެވެ. އެފަހުން 4 މަސް ފާއިތުވެގެން ގޮސްފައިވާއިރު އަދިވެސް އެ ޤައުމުން އެއްވެސް ޖަވާބެއް ނުލިބޭކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
ބަޖެޓު ސަޕޯޓަށް އިތުރަށް ފައިސާ ހޯއްދަވަން ރައީސް އިބްރާހީމް ފޮނުއްވި ސިޓީއަށް ސައުދީގެ ޖަވާބެއް ނުލިބިވަނިކޮށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރުވަނީ ސައުދީއަށް ވަޑައިގެން އެ ޤައުމުން ފައިސާ ހޯއްދެވުމަށް މަސައްކަތްކުރައްވާފައެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި އަމީރާއި އަލީ ޒާހިރުގެ ދަތުރުފުޅުގައި ސައުދީގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވި ނަމަވެސް ފައިސާ ހަމަޖެއްސުމުގައި އެ ޤައުމުން އުންމީދީ ޖަވާބެއް މިހާތަނަށް ލިބިފައިނުވެއެވެ.
"ސައުދީއާއި ރާއްޖޭގެ ރިލޭޝަންސް ދުވަހަކުވެސް ހީނަރުނުވާ މިންވަރަށް މިހަރު މިއޮތީ ހީނަރުވެފައި. ގުޅުން ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީވެސް ލަހުން. އެހެންވީމާ މިހާރު ބޭނުންވާ ފައިނޭންޝަލް އެސިސްޓެންސް ހަމަޖެހުމުގެ އުންމީދު ވަރަށް ކުޑަ،" ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.
ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސައުދީއާއި ރާއްޖޭގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮތެވެ. އެ ގުޅުމުގެ ތެރެއިން ކިންގު ސަލްމާން މިސްކިތް އަޅައި، އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހި، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރަން ބޭނުންވާ މަޝްރޫޢަށް ލޯނު ހަމަޖެހުނެވެ. ނަމަވެސް ސައުދީން އެ ދައުރުގައި ރާއްޖޭގައި ހިންގަން ބޭނުންވި އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢަށް އެއިރު އިދިކޮޅުގައި ތިބި އެމްޑީޕީން ހުރަސްއެޅުމުން އެ މަޝްރޫޢު ކުރިއަށް ނުގެންދެވުނެވެ.
ވެރިކަން ބަދަލުވުމަށްފަހު ސައުދީއާއި ރާއްޖޭގެ ގުޅުން ކުރިއަށްވުރެ ހީނަރުވިއެވެ. ނަތީޖާއެއްގެ ގޮތުން މި ފާއިތުވި ފަސް އަހަރު ބޮޑު އެއްވެސް މަޝްރޫއަކަށް ފައިސާ ހަމަޖެހިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ