ޗާގޯސް މައްސަލައިގައި ފުރިހަމަ އިންކުއަރީއެއް ހަދަންޖެހޭ: އަސްލަމް

ޗާގޯސް މައްސަލައިގައި ފުރިހަމަ އިންކުއަރީއެއް ހަދަން ޖެހޭކަމަށާއި ކުރެވެމުންދާ ތުހުމަތުތަކުގެ ހަގީގަތަކީ ކޮބައިތޯ ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ 241 ކޮމިޓީން މިިމައްސަލަ ބަލައި ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުލިބިގެންވާ ސަރަހައްދަކީ ޤާނޫނު ބުނަނީ ކޮން ސަރަހައްދެއްތޯ ބަލަން ޖެހޭކަމަށެވެ.
"241 ކޮމެޓީން މުޅި މިމައްސަލަ ބަލައި، ކިހިނެއްތޯ ކޮން ހިސާބަކުންތޯ މިމައްސަލަ އޮތީ. ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުލިބިގެންވާ ސަރަހައްދަކީ ޤާނޫނު ބުނަނީ ކޮން ސަރަހައްދެއްތޯ. ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދަކީ ކޮބައިތޯ؟ ކިހިނެތްތޯ މިކަން މިވަނީ. ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދާ ގުޅޭގޮތުން ޑީލިމިޓް ކުރަން މިޖެހުނީ ކީއްވެތޯ؟ އިޓްލޮސްއަށް މިދިޔައީ ކޮންބައެއްތޯ؟ އިޓްލޮސްއަށް ދިއުމުގެ ޙައްޤު އޮންނަނީ ކިހާމުއްދަތަކަށްތޯ؟" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިކަމުގައި އިހުމާލުވާ ބަޔަކު ތިބިނަމަ، އެއިހުމާލުވާ ބައެއްވެސް ހޯދަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ.
"ވަރަށް ތަފްސީލްކޮށް އަޅުގަނޑުމެން ބަލަންޖެހޭ މިކަމުގައި އިހުމާލުވާ ބަޔަކު ތިބިނަމަ، އެއިހުމާލުވާ ބައެއްވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުން ބަލައި ހޯދަންޖެހޭ. މިކަމުގެ ހަގީގަތަށް ތަފްސީލްކޮށް ވާސިލް ވާންޖެހޭ ކަމަށް އަޅުގަނޑު ދެކެނީ." އަސްލަމް ވިދާޅުވިއެވެ.
އިމުގެ މައްސަލައިގައި ސަރުކާރަށް އިދިކޮޅުން ދަނީ ބޮޑެތި ފާޑުކިޔުންތަކެއް ކިޔައި ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުން ދަނީ އިމުގެ މައްސަލަ ނިމިގެން ދިޔައީ ދިވެހިންނަށް އެންމެ ރަނގަޅުގޮތައްކަމަށާއި އެއީ ދިވެހިންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ