އިންޓަރނޭޝަނަލް ސައިޓްތަކުން ގެއްލޭ ފައިސާ މިދަނީ ރިފަންޑް ކުރަމުން: ބީއެމްއެލް

ކްރެޑިޓް ކާޑު ނުވަތަ ޑެބިޓް ކާޑުން އިންޓަރނޭޝަނަލް ސައިޓަކުގައި ކުރާ ފައިސާގެ މުޢާމަލާތްތަކުން ގެއްލޭ ފައިސާ އެފަރާތްތަކަށް ރިފަންޑް ކުރަމުންދާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
އޮޅުވާލައިގެން އެކިގޮތްގޮތުން ފައިސާ ހޯދުމުގެ މައްސަލަތައް ފަހަކަށްއައިސް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި ސްކޭމް ކޯލްތަކާއި، އީމެއިލް މެދުވެރިކޮށް އަދި އިންޓަރނޭޝަނަލް ސައިޓްތަކުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ހިމެނެއެވެ.
ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީ.އެމް.އެލްގެ ޕަބްލިކް ރިލޭޝަން އޮފިސަރ މުޙައްމަދު ސަޢީދު ވިދާޅުވީ، މިފަދަ މައްސަލަތައް އާއްމުކޮށް ހިނގަނީ ކަސްޓަމަރުންގެ އޯ.ޓީ.ޕީ ނުވަތަ ޒާތީ މަޢުލޫމާތުތައް ހާމަވެގެންކަމަށެވެ. އެހެންކަމުން، މިފަދަ ޙާލަތްތަކުގައި ތަހުޤީޤީ އިދާރަކުން އެ މައްސަލަ ނުނިމި، ގެއްލޭ ފައިސާގެ ބަދަލު ބޭންކުން ނުދޭނެކަމަށް ސަޢީދު ވިދާޅުވިއެވެ.
އެހެންނަމަވެސް، ކްރެޑިޓް ކާޑު ނުވަތަ ޑެބިޓް ކާޑުން ކަސްޓަމަރަށް ނޭންގި، އިންޓަރނޭޝަނަލް ސައިޓްތަކުން ފައިސާ ކެނޑޭ ޙާލަތްތަކުގައި އެފައިސާ އެފަރާތްތަކަށް ރިފަންޑް ކުރަމުންދާނެކަމަށް ސަޢީދު ވިދާޅުވިއެވެ.
"މިދިޔަ އަހަރު ފަހުކޮޅު އަދި މިއަހަރުގެ ފެބްރުއަރީ ތެރޭގައި މިފަދަ މައްސަލަތައް ދިމާވި. އެފަދަ ޙާލަތްތަކުގައި އަޅުގަނޑުމެން މިދަނީ އެފައިސާ ރިފަންޑްކޮށްދެމުން. އެހެންނަމަވެސް، އިންޓަރނެޓް ބޭންކިން ނުވަތަ ކަސްޓަމަރުންގެ މަޢުލޫމާތު ބޭނުންކޮށްގެން ކުރާ މުޢާމަލާތްތަކުން ގެއްލޭ ފައިސާ ބަދަލެއް ދެވޭނެ ގޮތެއް ނޯވެ" ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މަދުކުރުމަށް އެ ބޭންކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އެ ބޭންކުން ކުރާ އެންމެ މުހިންމު އެއް ކަމަކީ މިފަދަ ކަންތައްތަކާމެދު އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުންކަން ސައީދު ފާހަގަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ، އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އެންމެ ފުރަތަމަ ފެންމަތިވާން ފެށީ 2014 ވަނަ އަހަރުއެވެ. އޭރު އޮޅުވާލައިގެން ފައިސާ ހޯދަމުން އައީ، ޕްރީޕެއިޑް ނަންބަރުތަކަށް ކާޑު އެޅުމާއި، އަދި ބޭންކް ކާޑުތަކުގެ މަޢުލޫމާތު އޮޅުވާލައިގެން ހޯދައިގެންނެވެ.
ނަމަވެސް މިހާރު މިދުވަސްކޮޅު، އޮންލައިން ވިޔަފާރީގެ މުޢާމަލާތްތަކުން ފައިސާ ގެއްލޭ މައްސަލަތައް ރިޕޯޓްކުރަމުންދާ މިންވަރު އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އޮންލައިން ވިޔަފާރި ޕޭޖުތަކާ ގުޅުންހުރި 250 އަށްވުރެ ގިނަ މައްސަލަ ބޭންކަށް މިދިޔަ އަހަރު ހުށައެޅި ކަމަށާއި، މި ހަފްތާގެ ތެރޭގައިވެސް މީގެ ގިނަ މައްސަލަތަކެއް ރިޕޯޓްކޮށްފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
މިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ މަސައްކަތްކެއް ބޭންކުން އަންނަނީ ކުރަމުންނެވެ. އެގޮތުން އެމީހާގެ އިންޓަރނެޓް ބޭންކިން، ކޭޝް ކާޑު ނުވަތަ ޒާތީ މަޢުލޫމާތު ހިމެނޭ އީމެއިލްފަދަ އެއްވެސް ވަސީލަތެއްގެ މަޢުލޫމާތު ޙިއްސާ ނުކުރުމަށް ވަނީ އެދިފައެވެ. އަދި އެއްވެސް ޚިދުމަތަކަށް ބޭންކުން ލިންކް މެދުވެރިކޮށް މުޢާމަލާތް ނުހިންގާނެކަމަށްވެސް ބޭންކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ