އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތުގެ އިތުރަށް ހަދިޔާއަކަށް 2،000 ރުފިޔާ!

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތުގެ އިތުރުން ރޯދަ ހަދިޔާގެ ގޮތުގައި 2000ރ. ދީފި އެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާގެ ގޮތުގައި، ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000ރ. މިއަދު ޖަމާކޮށްދޭނެ ކަމަށެވެ.
ނަމަވެސް އެ ކުންފުނީގެ މަސައްކަތުގެ ބާވަތުން މުވައްޒަފުންގެ ފަރާތުން ރޯދަ މަހުގައި ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހަންމިއްޔަތުކަން ފާހަގަކޮށް މި މަހާ ގުޅުވައިގެން ހަދިޔާގެ ގޮތުގައި 2،000ރ. ދޭން ނިންމައި، އެ ފައިސާވެސް ރޯދަ އިނާޔަތާ އެކު ޖަމާކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ ގޮތުގައި އެންމެ މަދުވެގެން 3،000ރ. ދިނުން ލާޒިމެވެ. އަދި އެ އިނާޔަތް ސަރުކާރު މުވައްޒަފުންނަށް މިއަދު ޖަމާވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރު ރޯދަ މަސް ފެށެނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ