އެމްޑީޕީގެ އެއްވުމެއްގަ ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތް މައްސަލަ ބަލަންޖެހެނީ ވަކިކުއްޖަކަށް އަމާޒުކުރީތީއެއް ނޫން! ހުރިހާ ކުދިންގެ ކަރާމާތްވެސް ހިމާޔަތްކުރަންޖެހޭ!: ކެޕްސް

އެމްޑީޕީގެ އެއްވުމެއްގަ ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތް މައްސަލަ ބަލަންޖެހެނީ ވަކިކުއްޖަކަށް އަމާޒުކުރީތީ ނޫންކަމަށާއި ހުރިހާ ކުދިންގެ ކަރާމާތްވެސް ހިމާޔަތްކުރަންޖެހޭ ކަމަށް ޗައިލްޑް އެބިޔުޒް ޕްރިވެންޝަން ސޮސައިޓީ (ސީއޭޕީއެސް) އިން ބުނެފިއެވެ. 
އެޖަމިއްޔާއިން މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ޙަރަކާތުގެ ތެރެއިން ހިންގާފައިވާ ޤާނޫނާއި ޤަވާއިދާއި ޚިލާފް އަދި ކުޑަކުދިންގެ ޙައްޤުތަކަށާއި ކަރާމާތަށް އަރައިގަންނަ ޢަމަލުކޮށްވެރިކޮށް ނެރުނު ބަޔާނުގައެވެ. 
ކެޕްސްގެ ބަޔާން:  
ނޫސް ބަޔާން
މިއީ ސިޔާސީ ޕާރޓީއެއް ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ ( އެމްޑީޕީ ) އިން ކޮންމެ ރެއަކު ސިލްސިލާކޮށް ކުރިއަށް ގެންދާ " އެމްޑީޕީ ކުއްލި ބައްދަލުވުން " މުޒާހަރާގައި އެޕާރޓީގެ އެކްޓިވިސްޓެއް ކަމުގައިވާ މަންދީ ޒުބައިރު ދެއްކި ވާހަކައެއްގެ ސަބަބުން މައުސޫމް ކުއްޖެއްގެ ކަރާމާތަށް އަރައިގަނެފައިވާތީ އެކަން ކުށްވެރިކޮށް މި ޖަމްއިއްޔާއިން މިމައްސަލާގައި ދެކޭގޮތް ހާމަކުރުމަށް ނެރޭ ނޫސް ބަޔާނެކެވެ. 
މާތްވެގެންވާ އިސްލާމްދީނުގައިވެސް ކުދިންނަކީ ޙާއްސަ އޯގާތެރިކަމެއް ދޭންޖެހޭ ބައެއްކަމަށް ކަނޑައަޅުއްވާފާ ވާއިރު އަދި ހަނގުރާމަތަކުގައިވެސް ކުޑަކުދިން މެރުމަކީވެސް ކުށެއް ކަމުގައިވީ ހިނދު އޭގެންވެސް ހާމަކޮށްދޭކަމަކީ ކުދިންގެ ކަރާމާތަށް މަތިވެރިވެގެންވާ އިސްލާމްދީންވެސް ބާރުއަޅުއްވާފައިވާ މިންވަރެވެ. ނަމަވެސް މި ހުރިހާ ކަމަކަށް ގޮންޖަހާ ދާދި މިދާކަށް ރެއެއްގައި އެމްޑީޕީއިން ބޭއްވި މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ އެކުއްޖާއާއި ގުޅޭގޮތުން ހަޤީގަތާއި ޚިލާފް ވާހަކަތަކެއް އާއްމުތަނެއްގައި ފެތުރި ފެތުރުން މި ޖަމްއިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިފަދަ ކަންކަމަކީ ސީރިއަސް ކްރައިމްއެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއްކަމުގައި ދެކެމެވެ. އެހެނީ އަޅާނުލާ ދޫކޮށްލައިފިނަމަ މިހާރަށްވުރެ ބޮޑަށް މިފަދަ ބޮޑެތި ކުށްތައް އާއްމު ވެގެންދާނެ ފުރުސަތު އޮތަތީއެވެ. 
ސިޔާސީ ވާދަވެރިކަމެއް ކިތަންމެ ބޮޑަށް އޮތްނަމަވެސް އަދި ސިޔާސީގޮތުން އެއްބަޔަކު އަނެއްބަޔަކަށް ކިތަންމެ ފާޑުކީކަމުގައި ވީނަމަވެސް އެއްވެސް ފަރާތަކުން ކުޑަކުދިންނާއި ގުޅޭގޮތުން އެފަދަ ވާހަކައެއް ދައްކާ ކުދިންގެ ޙައްޤާއި ކަރާމާތް ގެއްލުވާލުމަކީ އެއްވެސް މިންވަރަކަށް ތަހައްމަލް ކުރެވޭނެ އަދި ބަލަންތިބެވޭނެ ކަމެއް ނޫނެވެ. އަދި މި މައްސަލާގައި މި ޖަމްއިއްޔާއިން ބަޔާން ނެރުނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް އަމާޒުކޮށް ދެއްކި ވާހަކައަކަށް ވީތީއެއް ނޫނެވެ. 
އެހެންނަމަވެސް އެބޭފުޅާއަކީވެސް ކުޑަކުއްޖެއްކަމުގައި ވެފައި އެބޭފުޅާގެވެސް ޙައްޤަކާއި އަބުރަކާއި ޢިއްޒަތަކާއި އަދި ކަރާމަތެއް ވާނެތީއެވެ. އެފަދަ ޙަޤީގަތެއްނެތް ވާހަކަތައް ދެއްކުމުގެ ސަބަބުން ނަފްސާނީ ގޮތުން މި ހާދިސާ ރައްދުވާ ކުއްޖާއާއި އެ ކުއްޖާގެ އާއިލާއަށް ވަރަށް ބޮޑަށް އަސަރުކުރާނެކަން ޔަޤީނެވެ. ވީއިރު ސިޔާސީ ބޭނުމެއްގައި ކުށެއްނެތް މައުސޫމް ކުއްޖެއްގެ އަބުރު ކަތިލާ، ކަރާމާތް ގެއްލުވާލިކަމުގެ ކުށުގެ ދައުވާ މަންދި ޒުބައިރުގެ މައްޗަށް އުފުލުމަށް ގޮވާލަމެވެ. މި މައްސަލައަކީ ސީރިއަސް ކްރައިމްއެއްގެ ގޮތުގައި ބައްލަވާދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ގޮވާލަމެވެ. އަދި ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާ ކުރެއްވުމަށް ފޮނުއްވަންޖެހޭ ފަރާތްތަކަށް ފޮނުއްވާދެއްވުން އަވަސް ކޮށްދެއްވުން އެދި ވަރަށް އަދުބުވެރިކަމާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަށް ގޮވާލަމެވެ. 
މި މައްސަލާގައި އެ ހަރަކާތް އިންތިޒާމްކުރި ފަރާތާއި، އެވާހަކަ ދެއްކި ފަރާތުގެ އެ ޒިންމާދާރުކަން ކުޑަ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޖަމްޢިއްޔާގެ ހައިސިއްޔަތުން އެމައްސަލައަށް ތަދައްޙުލް ވުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުންދާވާހަކަ މިފުރުސަތުގައި ދަންނަވަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ