ނަހުލާގެ ސޮރީ ޖޫން މަހު އޮލިމްޕަހަށް

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ" މިއަހަރުގެ ޖޫން މަހު އޮލިމްޕަހަށް ގެނައުމަށް ތައްޔާރުވެއްޖެއެވެ. ސޮރީގެ ސޯޝަލް މީޑިއާގައި، ޕޯސްޓަރާއެކު ފިލްމުގެ ރިލީޒް ތާރީހު ވަނީ ދާދިފަހުން އިއުލާނު ކޮށްފައެވެ. ފިލްމުގެ ޕްރޮޑަކްޝަނުން އިއުލާނު ކޮށްފައިވަނީ މި އަންނަ ޖޫން މަހުގެ 17 ގައި ފިލްމު އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ ކަމަށެވެ. އަދި މިއީ ކޮންމެހެން ބަލަން ޖެހޭނެ ފިލްމެއް ކަމަށާއި ތާރީހު ހަނދާން ކުރުމަށް ވެސް ވަނީ އެދިފައެވެ. ސޮރީ އަކީ ވަރަށް އަސަރު ގަދަ ފިލްމަކަށް ވާނެ ކަމަށާއި މި ފިލްމަކީ ހަނދާނުން ފޮހެލަން އުނދަގޫ ވާނެ ވަރުގެ ވަރުގަދަ ފިލްމަކަށް ވާނެ ކަމަށް ޕްރޮޑަކްޝަނުން އިޝާރާތް ކުރެއެވެ. މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެނިގެންދާނެއެވެ. ނަހުލާގެ ކުރީގެ އޯޑިއެންސް އަނބުރާ ގެނައުމުގެ މަގުސަދުގައި ނެރޭ މި ފިލްމު ނެރުން ވާނީ އޭނާގެ މަސައްކަތްތަކަށް ލޯބިކުރާ މީހުންނަށް ގެނެސްދޭ އުފާވެރި ޚަބަރަކަށެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ. ބޮޑު ބްރޭކަކަށް ފަހު ނަހުލާގެ ފިލްމެއް އޮލިމްޕަހަށް އަނބުރާ އަންނާތީ މި ފިލްމަށް އިންތިޒާރު ކުރާ މީހުން ވަނީ ވަރަށް ގިނަ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ