މާލެ ސަރަހައްދުގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަޠީން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މަޠީން ވިދާޅުވި ގޮތުގައި، މިހާރު މާލޭގައި ފެން ރައްކާކުރެވެނީ އެންމެ އިތުރު އެއް ދުވަހަށް ވާވަރަށެވެ. "މިއީ ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ސަރަހައްދަކަށް އެއްގޮތަކަށްވެސް އެކަށީގެންވާ މިންވަރެއް ނޫން،" މަޠީން ވިދާޅުވިއެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހުޅުމާލޭގައި ޤާއިމުކުރާ މި ތާނގީގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފެނުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި 5000 ޓަނުގެ ދެ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ އޮގަސްޓް މަހު ނިމޭނެ ކަމަށް މަޠީން ހާމަކުރެއްވިއެވެ. މި މަޝްރޫއުތަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް މާލެ ސަރަހައްދުގައި ފެން އުފެއްދޭ މިންވަރު 30 އިންސައްތައަށް އިތުރުވާނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ފެނުގެ ޔަޤީންކަން ކަށަވަރުކުރުމަށް ފެން އުފައްދާ ޕްލާންޓްތަކާއި ފެން ރައްކާކުރާ ތަންތަން މާލެ ސަރަހައްދުގައި ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއް ވައުދެވެ. މި މަޝްރޫއުތަކުގެ ސަބަބުން މާލެ ސަރަހައްދުގެ ފެނުގެ ރައްކާތެރިކަން އިތުރުވެ، ރައްޔިތުންނަށް ފެނުގެ ޚިދުމަތް އިތުރަށް ކަށަވަރުވެގެންދާނެއެވެ.
މާލެ ސަރަހައްދުގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ޤާއިމްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ