ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، މަޖިލީހުގެ ބާރުގަދަ މުހިންމު ދެ ކޮމިޓީއަކުން ވަކިކޮށް އާންމު ދެ ކޮމިޓީއަކަށް ބަދަލުކުރީ ސިޔާސީ ކަމަކާ ގުޅިގެން ނޫން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މަޖިލީހުގެ މުހިންމު ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތާކާ ބެހޭ (241) ކޮމިޓީން އަޒާން ދުރުކުރިކަން، މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާންކުރެއްވި އެވެ. އެގޮތުން:
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ، ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން އަދި 241 ކޮމިޓީއަށް ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލް
އަޒާން އައްޔަންކޮށްފައި ވަނީ ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒު ކޮމިޓީއަށް
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އަޒާން އެ ކޮމިޓީތަކުން ދުރުކޮށްފައި މި ވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްޓަކައި ގާނޫނު ބަދަލުކުރުމާ ދެކޮޅު ހައްދަވައި އެ ބިލާ ގުޅިގެން ޕީޖީން ނެރުނު ވިޕްލައިންއާ ހިލާވެފައި ވަނިކޮށެވެ.
ބުނީ ކީކޭ؟ - އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފަލާހު 'ދައުރު'އަށް ވިދާޅުވީ އަޒާން މަސައްކަތްކުރައްވާ ކޮމިޓީތަކަށް ގެނައި ބަދަލުތަކަކީ މި ފަހުން އޭނާ މަޖިލީހުގައި ބިލުތަކަށް ވޯޓު ދެއްވި ކަމަކާ ގުޅުވައިގެން ގެނައި ބަދަލެއް ނޫން ކަމަށެވެ.
"އެއީ އެއްވެސް ސިޔާސީ ބޭނުމަކު ކުރި ކަމެއް ނޫން. ސިޔާސީ ސަބަބަކާ ގުޅިގެން [އަޒާން މަޖިލީހުގައި ބިލަކަށް ވޯޓު ދެއްވި ގޮތަކާ ގުޅިގެން] ގެނައި ބަދަލެއް ނޫން. އެއީ ހަމަ ނޯމަލް ރޫޓިންގައި އާންމުކޮށް ކޮމިޓީތަކަށް ގެންނަ ބަދަލުގެ ތެރެއިން އައި ކަމެއް،" ފަލާހު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ބިލަށް ވޯޓު ދެއްވަން ބައެއް މެންބަރުން މަޖިލީހަށް ހާޒިރުނުވި ސަބަބު ސާފުކުރައްވާނެ ކަމަށް ފަލާހު ކުރިން ވިދާޅުވެފައިވެ އެވެ.
އަޒާން ބިލު ފާސްކުރަން ވޯޓަށް އެހި ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގެން ވެސް އިންނެވި އެވެ. ނަމަވެސް ބިލަށް ވޯޓަށް އެހުމުން އަޒާން ތަޅުން ދޫކުރައްވައި ނުކުމެވަޑައިގަތީ އެވެ. ބިލަށް ވޯޓު ނުދުއްވީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ ކަމަށް ވިދާޅުވެ އަޒާން އެ ދުވަހު ބަޔާނެއް ވެސް ނެރުއްވި އެވެ.
ގަސްތުގައި ތްރީލައިން ވިޕާ ހިލާފުވެފައިވާތީ އެއްވެސް ފިޔަވަޅެއް ނާޅާތޯ ސުވާލުކުރުމުން ފަލާހު ވިދާޅުވީ "އަދި އެފަދަ އެއްވެސް ފިޔަވަޅެއް ނާޅާ،" ކަމަށެވެ. ފިޔަވަޅު ނާޅަން ނިންމީތޯ ސުވާލުކުރުމުން އިތުރު ތަފްސީލެއް ނުދެއްވައި ވިދާޅުވީ "ބަލަމުންދާނެ" ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ވިޕްލައިންއާ ހިލާފުވި މައްސަލައިގައި އަޒާން ޕީއެންސީގެ ޕީޖީ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްލާފައިވެ އެވެ. އަދި އޭނާ ޕާޓީން ކަނޑާލައި މަޖިލީހުގެ ގޮނޑި ގެއްލުވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
އަޒާންގެ ކޮމިޓީތައް ބަދަލުކުރީ އާންމު އުސޫލުން، އެއީ ދިން އަދަބެއް ނޫން: ފަލާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ