އައްޑޫ ކަރަންޓުގެ މައްސަލަ: އެއް މެގަވޮޓުގެ އާ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސިޓީއަށް ގެންދިޔަ 1 މެގަވޮޓުގެ އާ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކައިން ބުނީ މާލެއިން ގެންދިޔަ އެ ޖަނަރޭޓަރު އައްޑޫ އަށް ގެންގޮސް ސެންޓްރަލް ޕަވާ ސްޓޭޝަންގައި އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން 1.8 މެގަވޮޓްގެ ޖެނަރޭޓަރު ސެޓެއް އައްޑޫއަަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ފެނަކައިން ބުނީ އިންޖީނާއެކު އެ އުޅަނދު އިންޑިއާއިން ފުރާފައިވާ ކަމަށެވެ. އަދި ޝެޑިއުލްއާ އެގޮތަށް އެ މަސައްކަތްވެސް ކުރިއަށް ދާކަން ފެނަކައިން ވަނީ ފާހަގަ ކޮށްފައެވެ. މީގެ ކުރިން ފެނަކައިން ވަނީ މި އުޅަނދު މާޗް 13، 2025 ގައި މާލެއަށް ބަނދަރުކުރުމަށް ތާވަލު ކޮށްފައިވާ ކަމަށެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުން ކުރަމުން ދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެން ދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންނެވެ. އައްޑޫއިން ކަރަންޓު ކެނޑޭތާ ގިނަ ދުވަސްތަކެއްވެ، އެ މައްސަލަ ހައްލު ނުވުމާ ގުޅިގެން އެ ސިޓީގެ ރައްޔިތުން އިހްތިޖާޖު ކޮށްފައި ވާއިރު ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވަނީ އައްޑޫ ފެނަކައިގެ ހާލަތު ބެއްލެވުމަށް އެ ސިޓީއަށް ދަތުރު ކުރައްވާފައެވެ. އެގޮތުން ނަޖާހު ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ކުންފުނިން މެދުނުކެނޑި މަސައްކަތް ކުރަމުން ދާކަމަށެވެ.
އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ