ޓައިގާއަށް ދިން އިންޒާރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފް މަރާލާނެ ކަމަށް ބުނެ ދިން އިންޒާރަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނެކެވެ. ޓައިގާ މަރާލާނެ ކަމަށް ބުނެ މި މީހާ ގުޅާފައިވަނީ މުމްބާއީގެ ފުލުހުންނަށެވެ. މި ފޯން ކޯލްގައި އޭނާ ބުނެފައިވަނީ ޓައިގާ މަރާލުމަށް ސެކިއުރިޓީ އެޖެންސީއަކުން އޭނާއާ ހަވާލުކޮށްފައިވާ ކަމަށާއި ޓައިގާއަށް ހަމަލާ ދިނުމުގެ ޕްލޭން އެކުލަވާލުމަށް އެ އެޖެންސީން ވަނީ 200,000 އިންޑިއާ ރުޕީސް ވެސް އޭނާއަށް ދީފައި ކަމަށެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހަގީގަތުގައި ޓައިގާ މަރާލާނެ ކަމަށް ބުނެ ދިން އިންޒާރަކީ އޭނާގެ ޒާތީ މައްސަލައަކާ ގުޅިގެން އާއްމުންގެ ތެރޭ ފިތުނަ ފަސާދަ އުފެއްދުމުގެ މަގުސަދުގައި އޭނާ ކުރި ކަމެކެވެ. ޓައިގާ ފިލްމު "ބާޣީ 4"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ އެގޮތުން, ޕަންޖާބަށް ނިސްބަތްވާ މި މީހާ ވަޒީފާ އަދާކުރާ ކުންފުންޏާ އެކު ޖެހުނު މައްސަލައެއްގައި އޭނާގެ މުސާރައިން ބައެއް އުނިކޮށްފައިވާތީ އެ ކުންފުނި ބަދުނާމު ކުރުމުގެ މަގުސަދުގައި ކުރި ކަމެއްގެ ގޮތުގައި މީޑިއާއިން ވަނީ މިކަން ސިފަކޮށްފައެވެ. މި މައްސަލައާ ގުޅިގެން މުމްބާއީގެ ފުލުހުން ވަނީ މި މީހާގެ މައްޗަށް ދެ ދަޢުވާއެއް އުފުލާފައެވެ. އެއީ, ދޮގު މައުލޫމާތު ފެތުރުމާއި އާއްމުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ބިރުވެރިކަން ފެތުރުމުގެ އަމަލެއް ހިންގުމުގެ ދައުވާއެވެ. ބޮލީވުޑްގެ ޒުވާން އެކްޝަން ތަރިންގެ ތެރޭ ހިމެނޭ ޓައިގާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރާނެކަން އިއުލާންކޮށްފައިވާ ފިލްމު "ބާޣީ 4"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ