ޖޯޖިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 20) - ފީފާ ކްލަބް ވޯލްޑް ކަޕްގައި، ލިއޮނަލް މެސީ ޖެހި ހިލޭ ޖެހުމުން، އިންޓަ މިއާމީން ފަހަތުން އަރައި، 2-1 އިން ޕޯޓޯ ބަލިކުރިއިރު، ބްރެޒިލްގެ ބޮޓަފޯގޯ އިން ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީ 1-0 އިން ބަލިކޮށްފި އެވެ.
މިއާމީން ފުރަތަމަ ކުޅުނު މެޗުން ވަނީ، މިސްރުގެ އަލް އަހްލީއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. އަދި ޕޯޓޯ އިން ކުުޅުނު ފުރަތަމަ މެޗުގައި، ބްރެޒިލްގެ ޕަލްމެއިރާސްއާ އެއްވަރުވީ ވެސް ގޯލެއް ނުޖެހި، 0-0 އިންނެވެ.
މަސެޑީސް ބެންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޕޯޓޯ އިން ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. އެ ގޮތުން، މެޗުގެ އަށް ވަަނަ މިނިޓްގައި، ޕޯޓޯ އަށް ލީޑުނަގައިދިން ގޯލު ޕެނަލްޓީ އަކުން ޖެހީ، ސްޕެއިނުގެ ފޯވާޑް، ސަމޫ އޮޮމޮރޮއްދީން އެވެ. ޕޯޓޯ އިން ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އެ ޓީމުގެ އެލަން ވަރޭލާ ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، ފަރާންސެސްކޯ މޯރާ ފޮނުވާލި ބޯޅަ މިއާމީން ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.
މިއާމީން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމަށް އެއްވަރުކޮށްދިން ލަނޑު ޖެހީ، ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓްގައި، ޓެލަސްކޯ ސެގޯވިއާ އެވެ. އަދި، މިއާމީ މޮޅުކޮށްދިން ލަނޑު މެސީ ކާމިޔާބުކުރީ، 54 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުންނެވެ. މިއީ، މިއާމީ އަށް މެސީ ޖަހައިދިން 50 ވަނަ ގޯލެވެ.
ފުރަތަމަ މެޗުގައި، އެތުލެޓިކޯ މެޑްރިޑް އަތުން 4-0 އިން މޮޅުވި، ޕީއެސްޖީ އަށް ރޭގެ މެޗުގައި، ބޮޓަފޯގޯ ކޮޅަށް ގޯލެއް ޖެހޭގޮތެއްނުވި އެވެ. ރޭގެ މެޗުގައި ބޮޓަފޯގޯ އިން ޖެހި ހަމައެކަނި ގޯލު މެޗުގެ 36 ވަަނަ މިނިޓްގައި ކާމިޔާބުކުރީ އިގޯ ޖީސޫސް އެވެ. ބޮޓަފޯގޯ އިން ފުރަތަމަ މެޗުގައި، ވަނީ އެމެރިކާގެ ސިއޭޓަލް ސައުންޑާސް އަތުން 2-1 އިން މޮޅުވެފަ އެވެ. ރޭ އެތުލެޓިކޯ އިން ސިއޭޓަލް އަތުން މޮޅުވީ 3-1 އިންނެވެ.
ރޭގެ މެޗުގައި ގޯލެއް ޖަަހަން ޕީއެސްޖީގެ ކްވިޗާ ކްވަރަޝްކޭލިއާ ވަނީ ގިނަ އެޓޭކްތަކެއް ކުރެވޭތޯ ބަލައިފަ އެވެ. އެކަމަކު، އޭގެއިން ބޯޅައެއްގައި ރަނގަޅު އެޓޭކެއް ކުރެވޭ ގޮތެއްނުވި އެވެ.
ކްލަބް ވޯލްޑް ކަޕް: މެސީގެ ގޯލުން މިއާމީ މޮޅުވިއިރު، ބޮޓަފޯގޯ އިން ޕީއެސްޖީ ބަލިކޮށްފި ކްލަބް ވޯލްޑް ކަޕް: މެސީގެ ގޯލުން މިއާމީ މޮޅުވިއިރު، ބޮޓަފޯގޯ އިން ޕީއެސްޖީ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ