ފިލްމު 'ކޮކްޓެއިލް'ގެ ބަތަލާ، ޑަޔާނާ ހުރީ ހުސްކޮށެއް ނޫން
ފިލްމު "ކޮކްޓެއިލް"އިން 2012 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ބަތަލާ ޑަޔާނާ ޕެންޓީ ހުރީ ހުސްކޮށް ނޫން ކަމަށް ބަތަލާ ބުނެފިއެވެ. ދާދިފަހުން ހައުޓަފްލައިއަށް ދިން އިންޓަވިއުއެއްގައި ޑަޔާނާ ބުނެފައި ވަނީ ޖަވާހިރު ވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ ހަރްޝް ސާގަރުއާ އެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު 12 އަހަރު ވެފައިވާ ކަމަށެވެ. ދެ މީހުންގެ ލޯބީގެ ގުޅުމަށް 12 އަހަރުވެފައި ވާއިރު ހަރްޝް ދަންނަތާ މިހާރު 22 އަހަރު ވެފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ޑަޔާނާ އަކީ އެއްވެސް އިރަކު އަމިއްލަ ދިރިއުޅުމުގެ ވާހަކަ މީޑީއާއާ ހިއްސާ ކުރުމަށް ޝައުގުވެރިވި މީހެއް ނޫން ކަމުން ހަޔާތުގައި ބައިވެރިއެއް ހުރި ވާހަކަ އަޑުގަދަކޮށް ދައްކާ އިޝްތިހާރު ކުރުމަކީ މާ މުހިއްމު ކަމެއް ކަމުގައި ނުދެކޭ ކަމަށް ބަތަލާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ. ބޮލީވުޑް ބަތަލާ ޑަޔާނާ ޕެންޓީ ލޯބިވެރިޔާ ހަރްޝްއާ އެކު--ފޮޓޯ/ހިންދުސްތާންޓައިމްސް ހަރްޝް ދަންނަތާ މިހާރު އެތައް އަހަރެއް ވެފައިވީ ނަމަވެސް ދެ މީހުންގެ ގުޅުން ކައިވެންޏަށް ހަމައަށްދާނެ ދުވަހެއް އަދި ނޭނގޭ ކަމަށް ބޮޑު ކާމިޔާބީއެއް ހޯދި "ޗާވާ"ގެ ރޯލަކުން ފެނުނު ބަތަލާ ވަނީ ބުނެފައެވެ. ކައިވެނި ނުކޮށް އުޅޭތީ ދެ މީހުންގެ އާއިލާއިން ވެސް އެކަމާ ކަންބޮޑުވުން ހާމަކޮށްފައި ނެތުމާ އެކު މި ވަގުތަށް އެއީ އެހާ މުހިއްމު ކަމެއް ނޫން ކަމަށާއި ނަމަވެސް ކައިވެންޏާ ގުޅޭ މަޝްވަރާތައް ދެ މީހުންގެ މެދުގައި ވެސް ކުރެވޭ ކަމަށް ޑަޔާނާ ވަނީ ބުނެފައެވެ. ކައިވެންޏަކީ ވަރަށް މުހިއްމު އަދި ދެ މީހުންވެސް އިހުތިރާމްކުރާ ގުޅުމެއް ކަމަށާއި އޭގެ ވަގުތު ޖެހުމުން ކައިވެނި ވެސް ކުރާނެ ކަމަށް ޑަޔާނާ ވަނީ ބުނެފައެވެ. ޑަޔާނާ ފިލްމު "ކޮކްޓެއިލް"ގެ މަންޒަރެއްގައި އެކްޓަރު ސައިފް އަލީ ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު "ކޮކްޓެއިލް"އިން ބޮޑު މަގުބޫލުކަމެއް ލިބުނު ނަމަވެސް ޑަޔާނާ ފަހުން ކުޅުނު ފިލްމުތަކަށް މާބޮޑު މަގުބޫލުކަމެއް ލިބިފައެއް ނުވެއެވެ. މޮޑެލިންގް ދާއިރާއިން މަޝްހޫރުކަން ހޯދުމަށްފަހު ފިލްމީ ދާއިރާއާ ގުޅުނު ބަތަލާގެ ކުރިއަށްހުރި ފިލްމުތަކުގެރޭ "ޑިޓެކްޓިވް ޝޭރްދިލް" އަދި ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު "ސެކްޝަން 84" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ