އީރާނަށް ދިން ހަމަލާއިން ނިއުކްލިއަ ކާރިސާއެއް ހިނގާފާނެތަ؟

އެމެރިކާއިން އީރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް ދިން ހަމަލާގެ ސަބަބުން ނިއުކްލިއަ ކާރިސާއެއް ހިނގާފާނެކަމުގެ ބިރު، ބައެއް މީހުންނަށް އޮވެ އެވެ. އެފަދަ ވާހަކަތައް ދިވެހިން ވެސް ގެންދަނީ ސޯޝަލް މީޑިއާގައި ފަތުރަމުންނެވެ. އަދި ތަންދޮރު ދަންނަ ކަމަށް ބެލެވޭ ބައެއް އިސް މީހުން އެފަދަ ޕޯސްޓްތައް ހިއްސާ ވެސް އެބަ ކުރެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އީރާނުގައި ޔޫރޭނިއަމް ފައްކާކުރާ ތިން މަރުކަޒަކަށް ދިން ހަމަލާގެ ސަބަބުން ނިއުކްލިއަ ކާރިސާއެއް ނުހިނގާނެ އެވެ. ސަބަބަކީ ފައްކާކޮށްފައި ހުންނަ ޔޫރޭނިއަމްއިން ރޭޑިއޯއެކްޓިވް ވިހަ މާ ދުރަށް ނުފެތުރޭނެތީ އެވެ.
"ބޮޑަށް ފައްކާކޮށްފައި ހުންނަ ޔޫރޭނިއަމްގައި ރޭޑިއޯއެކްޓިވް ބައި، އެއްވެސް ވަރަކަށް ފައްކާނުކުރާ ޔޫރޭނިއަމްއަށް ވުރެ ތިން ގުނަ މަތިވާނެ. އެކަމަކު އޭގެ އެއްވެސް ބާވަތެއްގައި ރޭޑިއޯއެކްޓިވް ވިހަ އެހާ ބޮޑަކަށް ނުހުންނާނެ. އެހެންވެ ތިމާވެއްޓަށް ނުރައްކާތެރި ހާދިސާއެއް ނުހިނގާނެ،" ޗާނޮބީލްގެ ހާދިސާ ދިރާސާކުރެއްވި ޕްރޮފެސަރެއް ކަމަށްވާ ޔުނިވަސިޓީ އޮފް ޕޯޓްސްމައުތުގެ ޖިމް ސުމިތު ވިދާޅުވި އެވެ.
ޔޫރޭނިއަމް ފައްކާކުރާ މަރުކަޒުތަކުގައި ނިއުކްލިއަ ރިއެކްޝަންތަކެއް ނުހިނގަ އެވެ. އެހެންކަމުން އެއިން ތަނަކަށް ބޮމެއް ވައްޓާލިޔަސް އޭގެ ޒާތުގައި ޔޫރޭނިއަމް ނުގޮވާނެ އެވެ. އެކަމަކު އެ މަރުކަޒު ތެރެއަށް ޔޫރޭނިއަމް ފެތުރޭނެ އެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނި ގޮތުގައި އެމެރިކާއިން ހަމަލާދިން ތިން މަރުކަޒުގެ ބޭރުން ރޭޑިއޭޝަން ލެވެލް މަތިވުން ފާހަގައެއް ނުކުރެވެ އެވެ.
"ޔޫރޭނިއަމްއަކީ އެހާ ދުރަށް ރޭޑިއޭޝަން ގެންދާ އެއްޗެއް ނޫން،" އެހެން ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރު ކްލެއާ ކޯހިލް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ އެ މަރުކަޒުތަކުގައި ތިބި ބަޔަކަށް އޭގެ ސިއްހީ ނުރައްކާ އޮންނާނެ ކަމަށެވެ.
އީރާނުން %60 އަށް ފައްކާކޮށްފައި ހުރި ޔޫރޭނިއަމް ބިމު އަޑީގެ ފޯޑޯ މަރުކަޒުގައި ރައްކާކޮށްފައި ހުރި ކަމަށް ތުހުމަތުކުރެވެ އެވެ. ނިއުކްލިއަ ބޮމެއް އުފައްދަން ބޭނުންވަނީ %90 އަށް ޔޫރޭނިއަމް ފައްކާކުރާށެވެ. އީރާނުގެ އަތުގައި %60 އަށް ފައްކާކޮށްފައި ހުރި ޔޫރޭނިއަމް ހުރި ނަމަ ނިއުކްލިއަ ބޮމެއް އުފެއްދޭ ވަރަށް ޔޫރޭނިއަމް ފައްކާކުރަން ނަގާނީ މަދު ހަފުތާތަކެއް ނުވަތަ މަސްތަކެއް ކަމަށް، ތަޖުރިބާކާރުން ލަފާކުރެ އެވެ.
ނަމަވެސް އީރާނުން އަބަދުވެސް ބުނަނީ އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމަކީ އާންމު ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ނިއުކްލިއަ ބޮމެއް ހެދުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް އީރާނުން ބުނެ އެވެ.
އިޒުރޭލާއި އެމެރިކާއިން އެ ވާހަކަ ގަބޫލެއްނުކުރެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާ އާއި އިޒުރޭލުގެ ހަމަލާތަކުން ނިއުކްލިއަ މަރުކަޒުތައް ފުނޑުކޮށްލިޔަސް ފައްކާކޮށްފައި ހުރި ޔޫރޭނިއަމް ނައްތާލެވުނުތޯ އެއީ ބޮޑު ސުވާލެކެވެ. ނައްތާ ނުލެވުނު ނަމަ އީރާނުން އެ އެއްޗެހި ރައްކާކޮށްފައި ހުރީ ކޮން ތަންތަނެއްގައި ހެއްޔެވެ؟ ދެން އޮތް ސުވާލަކީ އީރާނުގެ ސައިންސްވެރިން އެ ޔޫރޭނިއަމް ނިއުކްލިއަ ބޮމަކަށް ބަދަލުކޮށްލާނީ ކޮން އިރަކުތޯ އެވެ؟
އީރާނުން ނިއުކްލިއަ ބޮމުގެ ޓެސްޓެއް ކޮށްފި ނަމަ މިހާރު މި ހިނގާ ހަނގުރާމައިގެ މުޅި މަލަމަތި ބަދަލުވާނެ އެވެ. ނިއުކްލިއަ ހަތިޔާރު ވާނީ ހިމާޔަތުގެ އައްޑަނައަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ