ކަނޑުމަގުން 7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިދިޔަ މާޗު މަސް ތެރޭ ހައްޔަރުކުރި ބިދޭސީންގެ ތެރޭގައި ހިމެނޭ އިންޑިއާގެ ހަ މީހެއްގެ މައްޗަށް ދައުވާނުކުރަން ނިންމައި އެ އެންމެން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ބަންދުކޮށްފައި ތިބި 10 ބިދޭސީންގެ ތެރެއިން ހަ މީހަކު މިދިޔަ 21 މޭ މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި އެވެ. އެ މީހުން ބަންދުން ދޫކޮށްލި ގޮތް ގޯސްވެގެން އެ އަމުރުތައް ހައި ކޯޓުގައި ޕީޖީން އިސްތިއުނާފު ކުރީ މިމަހުގެ 15ގަ އެވެ.
އެކަމަކު ޕީޖީން އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާތީ އެ އިސްތިއުނާފު ހައި ކޯޓުން އިއްޔެ ވަނީ ބާތިލުކޮށްފަ އެވެ.
ތަފްސީލް - އެ މައްސަލަ ބާތިލުކުރި ސަބަބަކަށް ހައި ކޯޓުން ބުނީ:
އެ އަމުރުތަކުގެ މައްސަލަ ބަލަން އެ ކޯޓުން ނިންމާފައިވަނިކޮށް، އެ އިސްތިއުނާފު އަނބުރާ ގެންދަން ބޭނުންވެގެން ޕީޖީން އެކޯޓުގައި އެދިފައިވާތީ
މައްސަލަ އަނބުރާ ގެންދަނީ އެމީހުންގެ މައްޗަށް ދައުވާނުކުރަން ޕީޖީން ނިންމާފައިވާތީ
ދައުވާ ނުކުރަން ޕީޖީން ނިންމީ އެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ހުށަހެޅި މައްސަލަ ދިރާސާކުރިއިރު ދައުވާކުރެވޭ ވަރަށް ހެކި ގަރީނާ ލިބިފައި ނެތުމުން
ބަންދުން ދޫކޮށްލައި ދައުވާ ނުކުރަން ނިންމާފައިވާ އިންޑިއާގެ 6 މީހުންނަކީ:
ޕްރަބާކަރަން ނަގަރާޖަން، 35
ރޯމަންސް ސަންތިޔާ ފެނާންޑޯ، 58
ގަނޭޝް ބޮމްމާލީ، 22
ޕީޓާ ވިނީ، 28
ސަރަން ޕަދުމަން، 28
ގޯސިކް ރާޖު ޖޭމްސް ނޮކްސް، 30
މި މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމިއިރު، އެ މީހުންގެ ބަންދުގެ މުއްދަތު މިދިޔަ 20 މޭގައި އިތުރުކުރި އެވެ. އޭރު އެ އަމުރު ނެރުއްވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ:
ހުށަހަޅާފައިވާ ހެކިތަަކަށް ބަލާއިރު އެމީހުން ތިބި ބޯޓުން ފެނުނު މަސްތުވާތަކެއްޗަކީ އޭގެ ވިޔަފާރިކުރުމަށް ރާއްޖެ އެތެރެކުރަން އުޅުނު ތަކެތި ކަމަށް ބެލެވޭ
އެ މީހުން ބަންދު ކުރަން އަމުރުކުރި ސަބަބެއްގެ ގޮތުގައި އޮތީ އޭގެތެރެއިން ބައެއް މީހުންނަކީ އިންޑިއާ މީހުންނަށް ވުމުން ރާއްޖެއިން ފިލައިގެން ދިއުމުގެ ފުރުސަތު ވެސް އޮންނާނެތީ
އެކަމަކު ހަމަ އެއާ ޖެހިގެން އައި ދުވަހު އެ ހަ މީހުން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލަން ވަނީ އަމުރުކޮށްފަ އެވެ. ބަންދުން ދޫކޮށްލަން މި އަމުރު ނެރުއްވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ އެ މީހުންނާއި އެ ކުށާ ގުޅުވާލެވޭ ހެއްކެއް ހޯދިފައި ނުވާ ކަމަށެވެ.
އެނގުން މުހިންމު - މިދިޔަ މާޗު 21ގައި ފުލުހުންނާއި އެމްއެންޑީއެފް އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ކަނޑު ބޯޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި 10 ބިދޭސީއަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި އެވެ.
އެ އޮޕަރޭޝަންގައި 7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު، އެތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާގެ ހަތް މީހަކާއި އިންޑޮނޭޝިއާގެ ތިން މީހެކެވެ.
އޭގެ ތެރެއިން ހަ މީހަކަށް ދައުވާ ނުކުރަން ނިންމުމުން މިހާރު ބަންދުގައި ތިބީ އިންޑޮނޭޝިއާގެ ތިން މީހުންނާއި އިންޑިއާގެ މީހެކެވެ. އެ މީހުންނަކީ:
ނަސްވަން އާދިލް، 30 - އިންޑޮނީޝިއާ
އެޑްރިއަންސަޔާ، 25 - އިންޑޮނީޝިއާ
މުހައްމަދު އިގްބާލް މަކްރޫމް، 30 - އިންޑޮނީޝިއާ
ޑަތުކިލޭ ދަރްޝަން ވިޖޭ، 22 - އިންޑިއާ
ކަނޑުމަގުން ޑުރަގު އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާގެ 6 މީހަކު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ