ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުން ހުއްޓުވައިދިނުމަށް ޗައިނާގެ ކިބައިން އެމެރިކާ އެދިއްޖެ

ދުނިޔޭގެ އެންމެ މުހިންމު އެއް ޝިޕިން ރޫޓް، ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުން ހުއްޓުވައިދިނުމަށް ޗައިނާ އިން މަސައްކަތްކޮށްދިނުމަށް އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ އެދިވަޑައިގެންފި އެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ޕްލޭނަށް އަމަލު ކުރުމުގެ ހުއްދަ އީރާންގެ ރައްޔިތުންގެ މަޖިލީހުން ވަނީ ދީފަ އެވެ. ނަމަވެސް އެންމެ ފަހުގެ ނިންމުން އޮތީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ އަމްތީގަ އެވެ.
ތެލުގެ ސަޕްލައިއަށް ބުރޫ އަރައިފި ނަމަ އިގްތިސާދަށް އެކަމުގެ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެވެ. ވަކިން ހާއްސަކޮށް ޗައިނާއަކީ ދުނިޔޭގައި އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަށް ވާއިރު، ތެހެރާނާ އެކު ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ.
އެމެރިކާ އިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭން ފެށުމުން ތެލުގެ އަގުތައް ވަނީ އުފިލިފަ އެވެ. ބެންޗުމާކް ބްރެންޓް ކްރޫޑްގެ އަގު ވަނީ ފަސް މަސްދުވަހުގެ ތެރޭގައި ނޫފުލޭ ވަރަށް އުފުލިފަ އެވެ. 
"ޗައިނާ ސަރުކާރުން އީރާނާ އެކު މިކަމާ ގުޅޭ ގޮތުން މުއާމަލާތް ކުރުމަށް އިލްތިމާސް ކުރަން، ތެޔޮ ސަޕްލައި ކުރުމުގައި ހޮރްމޫޒް ކަނޑުއޮޅިއަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއް ޗައިނާއަކީ،" އިއްޔެ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މާކޯ ރޫބިއޯ ވިދާޅުވި އެވެ.
"އެ މީހުން [ކަނޑުއޮޅިތައް ބަންދުކުރިޔަސް]... އެއީ އެ މީހުންނަށް އިގްތިސާދީ ގޮތުން އަމިއްލައަށް މަރުވުން. އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން. އެހެން ގައުމުތަކުން ވެސް އެކަމަށް ވިސްނަންޖެހޭ. އެހެން ގައުމުތަކުގެ އިގްތިސާދަށް އޭގެ ސަބަބުން ލިބޭ ގެއްލުން މާ ބޮޑު ވާނެ،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ތެލުގެ ގާތްގަނޑަކަށް %20 ދަތުރުކުރަނީ ހޮރްމޫޒް ކަނޑުއޮޅިންނެވެ. އަދި މެދުއިރުމަތީގައި އުފައްދާ ތެލާއި ގޭސް އެ ސަރަހައްދުން ބޭރު ކުރަނީ އެ ކަނޑުއޮޅިންނެވެ. 
ކަނޑުއޮޅިގެ ދަތުރުތަކަށް ހުރަސް އެޅުމަށް ކުރާ ކޮންމެ މަސައްކަތަކުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފިލިގެން ހިނގައިދާނެ އެވެ.
ޖެނުއަރީ މަހަށް ފަހު ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އަދި ރެއާ ހަމައަށް ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 78.89 ޑޮލަރަށް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ