ކޮންމެ މީހަކަށް، ކޮންމެ ވަޤުތަކުވެސް ﷲ ތަޢާލާގެ ޙަޟްރަތަށް މުޢާމަލާތުކުރުމުގެ ފުރުޞަތު އޮތީ ހުޅުއްވަވާލަ ދެއްވަވާފަ! އޮތީ ކުރަން ކެރުނުވަރެއް!

ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް ބޭނުންވުމުން ވަކިދުވަހެއްގެ ވަކިވަޤުތެއް ޖެހެންދެން އިންތިޒާރުކުރާކަށް ނުޖެހެއެވެ. ރޭގަނޑާއި ދުވާލުގެ ކޮންމެ ވަޤުތެއްގައިވެސް ހަމަ ދަންނަވަންވީއެވެ. ބައެއް ޢިލްމްވެރިން ވިދާޅުވަނީ އެއީ ﷲ ތަޢަލާއާއި މުޢާމަލާތުކުރުން ކަމަށާއި ﷲ ތަޢާލާ އާއި މުޢާމަލާތު ނުކުރުމަކީ ބޮޑާ، ކިބުރުވެރި މީހުންގެ ސިފައެއް ކަމަށެވެ.  
ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އާއި މިހާރުވެސް މުޢާމަލާތުކުރެވޭނެއެވެ. މާނައަކީ އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެދި ދެންނެވޭނެއެވެ. އެއަޑު ﷲ ތައާލާ އައްސަވައިވޮޑިގެންވެއެވެ. އެދި ދަންނަވާ ކަންކަން ހިންމަވައިވެސް ދެއްވަވަތެވެ. ހަމަ އެކަނި ﷲ ތަޢާލާގެ ޖަވާބު އަހަރެމެންގެ ކަންފަތަށް އަޑުނުއިވެނީއެވެ. އެދުނު ކަންކަން ހިންމަވައިދެއްވަވާކަން އެއީ ދެއްވަވާ ޖަވާބެވެ. ޢިޖާބަ ކުރެއްވެވުން ވެސް މިކިޔަނީ ހަމަ އެމާނައިގައެވެ.  
ހަމައެއާއިއެކު އެދުނު ކަންތަކުގެ ބަދަލުގައި އެއަށްވުރެ މާފައިދާހުރި ކަންކަންވެސް މިންވަރުކުރައްވަވައެވެ. އެއީވެސް ހަމަ ޖަވާބެވެ. މުއުމިނަކު އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި ކަމަކަށް އެދިގެން ދަންނަވައިފިނަމަ ޖަވާބެއް ނުލިބިއެއް ނުދާނެއެވެ.  
އެފަދަ މިޘާލެއްވެސް ބުނެލާނަމެވެ.  
އޭނާއަށް ނިދިނައިސްގެން އުޅެނިކޮށް ދަންވަރު 2.30 ވެއްޖެއެވެ. އޭނާ ދެންނެވިއެވެ. "ޔާ ﷲ! އިނބަ ﷲ ދެއްވެވުމުން މެނުވީ މިއަޅާއަށް ނިންޖެއް ނުލިބޭނެއެވެ. އިނބަ ﷲ ހިންމަވައި ދެއްވެވުމުން މެނުވީ އެހެން ބޭނުމެއްވެސް ނުފުދޭނެއެވެ. ޔާ ﷲ! މިއަޅާއަށް ރަހްމް ކުރައްވަވައި ނިދިކޮޅެއް މިއަޅާއަށް ދެއްވަވާނދޭވެ! އަދި ފަތިސް ވަޤުތު ވުމުގެ ކުރިން ހޭލެވި އިނބަ ﷲ އަށް އަޅުކަންކުރުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން   
އެނގޭ ހެއްޔެވެ؟ ނުނިދި އެހައި ގިނައިރުވުމުން އޭނާ ހުރީ ވަރަށް ވަރުބަލިކަންމަތީގައެވެ. އެހެންވެ ގަޑި ސޯނާކުރާކަށްވެސް ހަނދާނެއް ނެތެވެ. އެކަމަކުވެސް ފަތިސްވުމުގެ 45 މިނިޓް ކުރިން ހޭލެވި އޭނާ އެދުނުފަދައިން ކަންކަން ކުރަން މަގުފަހިކޮށްދެއްވެވިއެވެ.  
މިފަދަ ކިތަންމެ ޙާދިޘާތަކެއްގެ ވާހަކަ ކިޔައިދީފާނަމެވެ. އެކިއެކި މީހުންނަށް ކުރެވިފައިހުރި ތަފާތު ތަޖުރިބާތަކުގެ ވާހަކައެވެ. އެހެންކަމަށްވާއިރު ތިބާއަށް ﷲ ތަޢާލާ އާއި މުޢާމަލާތު ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ނުކުރެވޭނަމަ ނުކުރެވޭނީ އެމީހެއްގެ ކިބައިގައި އެ ޘާބިތުކަން ނެތުމުންނެވެ. އެޘާބިތުކަން ލިބިގަންނަން ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އިތުރަށް ކުއްތަންވުމަށް މަސައްކަތް ކުރުމެވެ.  
ހިތްވަރުކޮށްލާށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ