އައްޑޫ ގަމުގައި އައިލެންޑު އޭވިއޭޝަން (އައިއޭއެސް) އިން ހިންގަމުން އަންނަ ފްލައިން ސްކޫލު ހިންގުން ހުއްޓާލައި އެ ސްކޫލު ހިންގުން ބޭރުގެ ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އައިއޭއެސް އިން ގައުމީ ޔުނިވާސިޓީއާ ގުޅިގެން މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ނަމުގައި ފްލައިން ސްކޫލެއް ހިންގަން ފެށީ 2022 ވަނަ އަހަރު އެވެ.
އެއީ މީގެ ކުރިން އައްޑޫގައި ސްރީ ލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ) އިން ހިންގި ފްލައިން ސްކޫލުގައި ކިޔަވާ ކުދިންގެ ކިޔެވުން ފުރިހަމަ ނުވެ، ދިގުލައިގެން ގޮސް ކުދިންގެ ޝަކުވާ ބޮޑުވެފައިވަނިކޮށް އެތަން ހިންގުން ހުއްޓުނީ އެވެ. އައިއޭއެސް އިން ގައުމީ ޔުނިވާސިޓީއާ ގުޅިގެން ފްލައިން ސްކޫލެއް ހިންގަން ފެށީ އޭގެ ފަހުންނެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި އައިއޭއެސް އިން ހިންގަމުން އަންނަ މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ހިންގުން ހަވާލުކުރަނީ ޒެނިތު އޭވިއޭޝަން އެކެޑެމީ ކިޔާ ބަޔަކާ އެވެ.
ޒެނިތު އޭވިއޭޝަން އެކެޑެމީގެ ނަމުގައި ކުންފުންޏެއް މި އަހަރު ރަޖިސްޓްރީކޮށްފައިވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ސަންދީޕު ކުމާރު ކިޔާ ބޭފުޅެކެވެ.
އެ ކުންފުނީގެ ޝެއާ ހޯލްޑަރުންނަކީ، ބިޒްނަސް ޕޯޓަލުން އެނގޭ ގޮތުގައި:
އެޓޯލް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑް
ސިމްޕްލިފައި ހޯލްޑިންގްސް ގްރޫޕު ލިމިޓެޑް
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ މެނޭޖިން ޑިރެކްޓަރު ސަންދީޕުގެ އިތުރުން އިސްމާއިލް ރަޝީދު ކިޔާ ބޭފުޅަކާއި ސްމިތާ ހެގްޑީ އެވެ. އިސްމާއިލް ރަޝީދަކީ އެ ސްކޫލުގެ ސީއޯއޯ އެވެ.
ބުނީ ކީކޭ؟ - ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވެސް ވަނީ އައިއޭއެސްް އިން ފްލައިން ސްކޫލު ހިންގުން ހުއްޓާލަން އުޅޭކަން 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ފްލައިން ސްކޫލު ހިންގުން އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް އައިއޭއެސް އިން ކުރިއަށް އެބަގެންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއާލައިނާއި ފްލައިން ސްކޫލާ އެކުގައި ހިންގުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެއް ކަމަށާއި އެއީ އެކަމުގައި ވެސް ދަތިތައް ހުންނާތީ ކަމަށެވެ.
"އެއީ ޕްރެކްޓިކަލް ކަމަކަށް ނުވާތީ ބޮޑެތި އެއާލައިންތަކުން ވެސް ނުކުރާ ކަމެއް،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގަމުން ދަނިކޮށް އޭރުގެ ސަރުކާރާއި އެ ސްކޫލާ ޖެހުނު މައްސަލަތައް ގޯސްވެ، ހައްލު ނުވެ ދިޔައީ ކަމަށެވެ.
އޭގެ ފަހުން އެ ތަން ހިންގަން އައިއޭއެސްއާ ހަވާލުކުރި ނަމަވެސް އެ ތަނުގެ ސަބަބުން އެ ކުންފުންޏަށް ލިބެނީ ގެއްލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫ ފްލައިން ސްކޫލު ހިންގާނެ ބަޔަކު ހޯދީ އެކަމަށް އޮންނަ އާރުއެފްޕީ ޕްރޮސެސްގެ ތެރެއިން ކަމަށާއި އެ ތަން ހިންގުން ހަވާލުކުރާނީ ފްލައިން ސްކޫލު ހިންގާ ބަޔަކާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީ ހިންގުން ހުއްޓާލުމާ ގުޅޭ ގޮތުން އައިއޭއެސްގެ ބަހެއް ނުލިބެ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއަށް ގުޅުމުން އަދި މެސެޖު ކުރުމުން ވެސް ޖަވާބު ދެއްވައިފައެއް ނުވެ އެވެ.
އެނގުން މުހިންމު - ނަމަވެސް ފްލައިން ސްކޫލު ހިންގަން އެހެން ބަޔަކަށް ހަވާލުކުރަން އުޅޭކަން އެ ތަނުގައި ކިޔަވާ ދަރިވަރުންނަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ. އޭވިއޭޝަން އެކެޑެމީގެ ލޯގޯ ބޭނުންކޮށްގެން ޒެނިތު އޭވިއޭޝަން އެކެޑެމީގެ ވެބްސައިޓެއް ވެސް މިހާރު ހަދާފައިވެ އެވެ.
އައިއޭއެސްއިން ފްލައިން ސްކޫލު ހިންގުން ހުއްޓާލައި ބޭރުގެ ބަޔަކަށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ