ޑްރަގް ކޯޓަށް ގެންދަންވެގެން ފުލުހުން ބަލާ ދިޔުމުން ފިލަން އުޅުމުގެ ތެރޭގައި އިމާރާތެއްގެ މަތިން ވެއްޓި މައިބަދަ ބިނދި، ސިކުނޑިއަށް ލޭ އެޅުމުން ވެސް ވެހިކަލަށް އަރުވައިގެން ޖަލަށް ގެންދިޔަ އަޒްމީލް ޖަލީލް، 38، ގެ ފަރުވާ ލަސްކުރި ފުލުހުންނަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފި އެވެ.
ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާން އަހުމަދު ޝަފީއު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހުށަހެޅި އަޒްމީލްގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ކަމަށެވެ.
"އަޒްމީލްއަށް އަނިޔާވި މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ފެބްރުއަރީ 25، ގައި އެ މައްސަލައިގައި ދައުވާ ނުކުރަން ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
އަޒްމީލްގެ ފަރުވާ ލަސްކުރި މައްސަލައިގައި ޕީޖީން ދައުވާ ނުކުރަން ނިންމީ އެކަމާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އެޗްއާރްސީއެމްއަށް ފޮނުވުމުން، އެކަންކަން ފުރިހަމަ ކުރުމަށްފަހު އަނބުރާ ޕީޖީއަށް ފޮނުވި ފަހުންނެވެ.
އަޒްމީލަށް އަނިޔާވީ ޖުލައި 15، 2024، ގެ މެންދުރު 2:15 ހާއިރު ޑްރަގް ކޯޓުގެ އަމުރެއް ތަންފީޒު ކުރަން މާފަންނު ގެއަކަށް ގޮސް ހަރަކާތްތެރި ވަނިކޮށް، ފިލަން އުޅުމުގެ ތެރޭގައި ގޭގެ ފުރަތަމަ ފަންގި ފިލާއިން ވެއްޓިގެން ކަމަށް ފުލުހުން ބުނެ އެވެ.
ފުރަތަމަ ފަންގިފިލާ މަތިން ވެއްޓުމުން ވެސް ފަރުވާ ދިނުމުގެ ބަދަލުގައި ނުވަތަ ހޮސްޕިޓަލަށް ގެންދިޔުމުގެ ބަދަލުގައި ފުލުހުން އަޒްމީލް ގެންދިޔައީ ކަސްޓޯޑިއަލް ޖަލަށެވެ. ހޮސްޕިޓަލަށް ގެންދިޔައީ އޭގެ ދެ ގަޑިއިރު ފަހުން ހަވީރު 4:20 ހާއިރެވެ.
އެޗްއާރްސީއެމްއިން އަޒްމީލުގެ މައްސަލަ ބެލީ އެންޓި ޓޯޗާ ގާނޫނުގެ ދަށުންނެވެ. އެ މައްސަލައިގައި ފުލުހުން އަޒްމީލް ހޮސްޕިޓަލަށް ނުގެންދިޔުމުގެ ސަބަބުން ފަރުވާ ލިބުން ލަސްވެފައިވާތީ ކަންބޮޑުވާ ކަމަށް ކުރިން އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އަޒްމީލް ހައްޔަރުކުރިއިރު ފުލުހުން ބޮޑީކެމް ބޭނުން ކޮށްފައެއް ނުވެ އެވެ. އެ ހާދިސާއަށް ފަހު ބަންދު އަމުރު ތަންފީޒު ކުރަންދާ ފުލުހުން ބޮޑީ ކެމް ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ.
އަޒްމީލަށް ލިބުނު ޒަހަމްތަކަށް އެ ދުވަހުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އެވެ. ނަމަވެސް މަޑުމަޑުން އޭނާގެ ހާލު ރަނގަޅުވެ، މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
އަޒްމީލްގެ އާއިލާއިން އެންމެ ފަހުން މި ނޫހަށް ބުނީ އޭނާ އަންނަނީ ފިޒިއޯތެރަޕީ އަދި ސްޕީޗް ތެރަޕީ ނަގަމުން ކަމަށާއި ހާލު ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށެވެ.
މައިބަދަ ބިނދުމުން ވެސް މީހަކު ޖިޕަށް އަރުވައިގެން ޖަލަށް ގެންދިޔަ މައްސަލައިގައި ފުލުހުންނަށް ދައުވާ ނުކުރަން ނިންމައިފި މައިބަދަ ބިނދުމުން ވެސް މީހަކު ޖިޕަށް އަރުވައިގެން ޖަލަށް ގެންދިޔަ މައްސަލައިގައި ފުލުހުންނަށް ދައުވާ ނުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ