މަހާޒް އާއި އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމައިފި މަހާޒް އާއި އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމައިފި

ސަސްޕެންޑުކޮށްފައި ތިއްބެވި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީ އިން މިގޮތަށް ނިންމީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުތައް ނިންމުމަށްފަހު މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމިކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ.
މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުރީ އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރު ކުރުމުން، ބަންދުން ދޫކޮށްލުމަށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.
އޭގެއިތުރުން، ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއާ ހުތުރުބަހުން ވާހަކަދެއްކެވިއިރު ފަނޑިޔާރު މަހާޒް އާއި އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރި އެވެ.
ފަނޑިޔާރުން ވިދާޅުވާ ގޮތުން، ހަނީފު ހާޒިރުކުރީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހެދުމުން ޖަވާބުދާރީ ކުރުވުމަށެވެ.
އެ ދެ މައްސަލައާ ގުޅިގެން ފަނޑިޔާރުން ތަކުރާރުކޮށް ހާޒިރުކޮށް ބަޔާން ވެސް ޖޭއެސްސީން ވަނީ ނަގައިފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް, ސުލޫކީ މައްސަލަތަކެއް ބަލަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ދުވަހު އެވެ.
މަހާޒް އާއި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ޖޭއެސްސީން ސަސްޕެންޑު ކުރި އެވެ. ސަސްޕެންޑު ކުރުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފެބްރުއަރީ 27، ގައި ބިލެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ބިލަށް ފާޑުކިޔުން އަމާޒުވުމުން ތަސްދީގު ނުކުރައްވައި ރައީސް މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުވީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ހުސްނުއްސުއޫދުގެ އިތުރުން އަޒްމިރާލްދާ ވަނީ އދ. އަށް ހުށަހަޅުއްވާފަ އެވެ. އަޒްމިރަލްދާ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާއަށެވެ. ހުސްނުއްސުއޫދު މައްސަލަ ހުށަހެޅުއްވީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށެވެ.
ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސެއިން ޝަހީދު ވަނީ އައްޔަނުކޮށްފަ އެވެ. އަދި ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރާ މެންބަރަކަށް ވެސް އޭނާ ވަނީ ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ