ބާސެލޯނާ (މެއި 16) - ސްޕެނިޝް ލީގުގައި ލަމީން ޔަމާލްގެ ގޯލާ އެކު، 2-0 އިން އެސްޕަންޔޯލް ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ޔަގީންކޮށްފި އެވެ.
މިއީ ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދި 28 ވަނަ ފަަހަރެވެ. އެންމެ ފަހުން ހޯދީ، 2022/2023 ވަނަ ސީޒަނުގަ އެެވެ. ބާސެލޯނާ، އެއް ވަނައިގައި އޮތީ 36 މެޗުން 85 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 36 މެޗުން ވަނީ 78 ޕޮއިންޓް ލިބިފަ އެވެ.
މިދިޔަ ސީޒަނުގައި ތަށްޓެއް ނުލިބި ނިންމާލަން ޖެހުނު ބާސެލޯނާ އިން މި ފަހަރު މި ވަނީ، ސްޕެނިޝް ލީގާއި ކަޕްގެ އިތުރުން ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ސުޕަ ކަޕާއި ސްޕެނިޝް ކަޕް ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށް ކާމިޔާބުކުރިއިރު، ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި މި ވަނީ، ބާކީ ދެ މެޗު އޮއްވަ އެވެ.
އެސްޕަންޔޯލް ދަނޑުގައި ކުޅުނު މެޗު ފެށިއިރު، ބާސެލޯނާ އިން ވަނީ ފުރަތަމަ އެގާރައިގައި ރޮބަޓް ލެވަންޑޯސްކީ ހިމަަނައިފަ އެވެ. ފާއިތުވި މެޗުތަކުގައި ބާސެލޯނާ އަށް ކުޅުނު، ފެރަން ޓޮރޭސް ވަނީ ބަނޑުގެ އޮޕަަރޭޝަނެއް ކުރަން ޖެހި، ސީޒަން ނިމިފަ އެެވެ.
ފުރަތަމަ ހާފުގައި ބާސެލޯނާ އިން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެސްޕަންޔޯލް އޭރިއާތެރެއިން ލެވަންޑޯސްކީ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. ކައުންޓަ އެޓޭކުގައި، އެސްޕަންޔޯލުން ވެސް ކުރިއަށް ޖެހި ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތް ކުރި އެވެ.
ދެ ވަނަ ހާފު ފެށިގެން އަށް މިނިޓް ތެރޭ ބާސެލޯނާ އިން ލީޑުނެގި ގޯލު ޖެހީ 17 އަހަރުގެ ޔަމާލް އެވެ. މެޗުގެ 53 ވަނަ މިނިޓްގައި އެސްޕަންޔޯލް އޭރިއާބޭރުން ޔަމާލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަހުން، ލަނޑެއް ޖެހޭތޯ ބާސެލޯނާ އިން މަސައްކަތް ކުރަމުންދިޔަ އެވެ.
އެސްޕަންޔޯލުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ، މެޗުގެ 80 ވަނަ މިނިޓްގައި، ލެއަންޑްރޯ ކަބްރޭރާ އަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރަތް ކާޑެއް ދެއްކުމުންނެވެ. ކަބްރޭރާ އަށް ރަތް ކާޑު ދެއްކީ، ޔަމާލް ގައިގައި އަތުން ޖެހި ކަމަށް ވީއޭއާރް އިން އަންގައިގެން، ދަނޑުކައިރީގައި ހުރި މޮނީޓަރުން ރެފްރީ ބަލައިގެންނެވެ.
މެޗުގެ އިތުރު ވަގުތުގައި، ބާސެލޯނާގެ ދެ ވަނަ ގޯލު ޖެހީ، ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން ނުކުތް، ފާމިން ލޮޕޭޒް އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅައެއް ލޮޕޭޒް ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
ޔަމާލްގެ މޮޅު ގޯލާ އެކު ބާސެލޯނާ އިން ސްޕެނިޝް ލީގު ކަށަވަރުކޮށްފި ޔަމާލްގެ މޮޅު ގޯލާ އެކު ބާސެލޯނާ އިން ސްޕެނިޝް ލީގު ކަށަވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ