ރީތި އަބަދުވެސް ރީތިވާނެއެވެ. ރީތީގެ ފަހަތުން ގިނަ ބައަކު ދުވަނީ އެހެންވެގެންނެވެ. އެކަމަކު ބުނަންހެއްޔެވެ؟ ޙަޤީޤީ ރީތިކަމަކީ ފަހަތުން ދުވެގެން އަތުލެވޭނެ އެއްޗެއް ނޫނެވެ. ދުވި ވަރަކަށް ވަރުބަލިވުން ނޫންކަމެއް ނުވާނެއެވެ. ވީމާ ރީތިކަން ބޭނުންނަމަ މިދައްކާ ވާހަކައަޑުއަހާށެވެ!
ކައިވެނި ކުރެވެން އޮތް ނަމަވެސް ކައިވެނިނުކޮށް ތިބޭ ޒުވާނުން ގިނައެވެ. އެއީ މަދުބައެއް ނޫނެވެ. އެމީހުންނާއި ސުވާލުކޮށްލުމުން އެނގޭގޮތުގައި ކައިވެނިނުކޮށް ލަސްކުރަނީ އެމީހުން ބޭނުންވާ ސިފަތައް ހުންނަ އަންހެނަކާއި ބައްދަލުނުވެގެންނެވެ.
އެއީ ކޮންސިފަތަކެއްތޯ ބަލައިލާއިރު އެސިފަތައްވެގެންދަނީ ބޭރުފުށުގެ ސިފަތަކަށެވެ. ދޮންމިނާއި އިސްކޮޅާއި ހަށިގަނޑުގެ ބުރުސޫރައާއި މިހެންގޮސް ބަލައިލަން ރީތިވާނެހައި ސިފަތެކެވެ. މިސިފަތައް މިބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ބޭނުމަކުއެވެ. އެބޭނުމަކީ ތިމާގެ އަނބިމީހާއަކީ އޭނާގެ ރީތިކަމަށް އެންމެން ތަޢްރީފްކުރާ މީހަކަށް ހެދުމެވެ.
މައްސަލައެއް ނެތެވެ. އެފަދަ އަންހެނަކު ލިބުނީއެވެ. ކައިވެނިކުރީއެވެ. ނިކަން ބުނެބަލާށެވެ! ކައިވެނިކުރިއިރު އޭނާގެ ސިފައިގައި ހުރި ރީތިކަން އެގޮތަށް ހުންނާނީ ކިތައް އަހަރުހެއްޔެވެ؟ އެރީތިކަން ގެއްލި ސިފަ ހުތުރުވަމުން ނުދާނެ ހެއްޔެވެ؟
އަހަރެމެންނަށް ޤަބޫލުނުކުރެވިގެން މިއުޅެނީ މިޙަޤީޤަތެވެ. އެއީ ކައިވެނިކުރަންވީ ދުވަހަކުވެސް އޭނާގެ ކިބައިން ގެއްލިގެން ނުދާނެ ރީތިކަމަށް ބަލައިގެންކަމެވެ. އެއީ އޭނާގެ ހަށިގަނޑުގައި ފޮރުވިފައިވާ ރީތިކަމެވެ. ބޭރުފުށުން ނުފެންނަ ރީތިކަމެވެ. އޭނާގެ ހިތުގެ ރީތިކަމެވެ.
މިބުނިފަދައިން ފޮރުވިފައިވާ ރީތިކަމަށް ބަލައިގެން ކައިވެނިކުރީމާ ވާނެ ގޮތް އެނގޭހެއްޔެވެ؟ ހަމުގައާއި މޫނުގައި ރޫޖެހޭވަރަކަށް، ބަނޑުގައި ކޫރު ގިނަވާވަރަކަށް އޭނާގެ ރީތިކަން ދާނީ އިތުރުވަމުންނެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ޢުމުރުން ދުވަސްވާވަރަކަށް އޭނާގެ ކިބައިގައިވާ ތަޤްވާވެރިކަން އިތުރުވަމުންދާނެތީއެވެ. ރިވެތި އަޚްލާޤީ ސިފަތައް އިތުރުވަމުންދާނެތީއެވެ.
ވީމާ އަނބިމީހާގެ ސިފަ ހުތުރުނުވެ އަބަދުވެސް ސިފަ ރީތިވަމުންދާނެ އަންހެނަކާއި ކައިވެނިކުރަން ބޭނުންވާނަމަ ބޭރުން ނުފެންނަ އެތެރެ ފުށުގެ ސިފަތައް ރީތި އަންހެނަކާއި ކައިވެނިކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން
ހަމުގައާއި މޫނުގައި ރޫޖެހޭވަރަކަށް، ބަނޑުގައި ކޫރު ގިނަވާވަރަކަށް އޭނާގެ ރީތިކަން އިތުރުވަމުންދާ އަންހެނުން-: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ