ކޮންމެ މިންގަނޑަކުން ބެއްޔަސް ހެވެވެ. ދައުލަތުގެ މާލީ ހާލަތު ނިކަން ގޯހެވެ. އެއީ ކޮން ވެރިކަމެއްގައި ކިހާ ހިސާބަކުން ފެށިގެން ގޯސްކޮށް ކުރަމުން އައި ކަމެއްގެ ސަބަބުން ދިމާވި ހާލަތެއްތޯ ކުރާ ޒުވާބުގެ ތެރެއަށް ވަންނާކަށް ނެތީމެވެ. ޔަގީނުން ވެސް އެނގެނީ ދައުލަތް އޮތީ ދަރަނިން ބަރާވެ، ޑީފޯލްޓު ވާނީ އަދުތޯ މާދަމާތޯ ވިސްނާ ފިކުރުކުރަން ޖެހޭހާ ވެސް ގޯސް ހާލަތެއްގަ އެވެ.
ހުރިހާ ވެސް މައްސަލައަކީ ނުފޯރާ ފޮތިން ފޫގަޅައިގެން ހިފެހެއްޓުމެއް ނެތި ކުރަމުންދާ ހަރަދުތަކެވެ. ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ފޫނުބެދޭ ހާލަތުގައި ވެސް މަސް އައިނަށް އެން އުކާ އުސޫލުން އިސްރާފުކުރަމުންދާ ފައިސާ އެވެ.
ހަނދާނަށް ގެންނަންވީ ވެރިކަމާ ހަވާލުވުމުގެ ކުރިން ދެއްކި ވާހަކަތެކެވެ. ހަރަދު ކުޑަކުރަން ޖެހޭ ކަމާއި، ވަކިން ހާއްސަކޮށް ސިޔާސީ މަގާމުތަކާއި ސަބްސިޑީ ދިނުމަށާއި ކުންފުނިތަކަށް ކުރަމުންދާ ބޭކާރު ހަރަދުތައް ކުރުން ހުއްޓާލަން ޖެހޭ ވާހަކަ އެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު، މި ހުރިހާ ކަމެއްވީ ހުސް ވާހަކައަށެވެ. ހަގީގަތުގައި ހާސިލުވީ ކަމެއް ނެތެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީ، ކުރީ ސަރުކާރު ހިންގި އެމްޑީޕީގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަކާއެކީގަ އެވެ. ވެރިކަމާ ހަވާލުވުމުގެ ކުރިން އެ ބަޖެޓާ މެދު ރުހުނެވެ. ވެރިކަމާ ހަވާލުވުމަށް ފަހު ވެސް ބުނީ އެ ބަޖެޓުގައި އޮތް ގޮތަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މިކަމަށް އިޝާރާތްކުރައްވަމުން، އޭރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ސަރުކާރުން އޮތީ މާލީ ރިފޯމް އެޖެންޑާ ތަންފީޒުކުރަން ތައްޔާރަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ފިޔަވަޅުތައް އަޅާނީ "އެންމެ ރަނގަޅު ވަގުތު" ގައި ކަމަށެވެ. އަދި އިގުތިސޯދީ ރިފޯމް އެޖެންޑާއަކީ އެ ސަރުކާރުން ވަރަށް ސީރިއަސްކޮށް ނަގާ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، ހަރަދު ކުޑަކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ ކުންފުނިތައް ރިފޯމް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެކަން ލަސް ކުރެވޭކަށް ނެތް. އަދި, އާސަންދައިގެ ވެސް ލީކުތައް ވެސް އެބަހުރި. ސަބްސިޑީ ނިޒާމު ވެސް ޓާގެޓެޑް ނިޒާމަކަށް ބަދަލުވާން ޖެހޭ," ޝަފީގު ވިދާޅުވެފައިވެ އެވެ.
މިހެން ބުނުމަށް ފަހު އަހަރު ނިމެން ކައިރިވަމުން ދިޔަ ވަރަކަށް ސަރުކާރުގެ ރާގު ބަދަލުވާން ފެށި އެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބުނަމުން އައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅެން ނެތް މޭރުމަކުން ވާހަކަތައް ދައްކަން ފެށި އެވެ. ބަހަނާއަކަށް ދެއްކީ ކުރީ ސަރުކާރެވެ. ބުނީ ބަޖެޓުގައި ސިޔާސަތުތަކެއް ހިމަނާފައި އޮތަސް، އެކަން ތަންފީޒުކުރަން ޖެހޭ ކަންކަން ކޮށްފައި ނެތް ކަމަށެވެ.
ދެބައިވާން ކައިރިވެފައި ވަނިކޮށް، ކުއްލިއަކަށް ސަރުކާރުގެ ރާގު ބަދަލުވި އެވެ. ބުނީ ކުރީ ސަރުކާރުން ހަރަދު ކުޑަކުރަން ބަޖެޓުގައި ސިޔާސަތުތަކެއް ހިމަނާފައި އޮތަސް އެކަމަށް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އެހެންކަމުން އެ އަހަރުގެ ތެރޭގައި އެ ބުނާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރެވޭކަށް ނެތް ކަމަށެވެ.
މިހެން ނަމަވެސް މި ފިޔަވަޅުތައް ތަންފީޒުނުކުރާނަމެކޭ އެންމެ ފަހަރަކު ވެސް ނުބުނެ އެވެ. ސަރުކާރުން އާރުލާފައި ބުނީ އެ ކަން ވެސް ކުރާނީ މި ސަރުކާރުން ކަމަށާއި ހަރަދު ކުޑަކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ. ވާން ޖެހޭ ތައްޔާރީތައްވެ، އެ ކަން ވެސް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނެވެ.
ސަަރުކާރުން ހަރަދުތައް ކުޑަކުރުމުގައި ފަސްޖެހިގެން ތިއްބައި، މޫޑީސް އާއި ފިޗުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރި އެވެ. އެ ތަންތަނުން ބުނީ ރާއްޖެ ޑީފޯލްޓް ވެދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށެވެ. މާލީ ކަންކަމާ ގުޅިގެން ފާހަގަކުރި މައްސަލަ ފުނީގެ ތެރޭގައި ރިފޯމް އެޖެންޑާގެ ވާހަކަ ދެ އިދާރާއިން ވެސް ފާހަަގަކުރި އެވެ.
ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި އަނެއްކާ ވެސް ދެއްކީ ހަރަދު ކުޑަކުރަން އަޅަން ރާވާފައިވާ ފިޔަވަޅުތަކުގެ ވާހަކަ އެވެ. ސަރުކާރުގެ ހޯމް ގްރޯން ރިފޯމް އެޖެންޑާގެ ވާހަކަ އެވެ. ފިނޭންސުން ބުނި ގޮތުގައި ސަރުކާރުން ދަނީ އާމްދަނީ އާއި ހަރަދުގެ ސިޔާސަތުތައް ވަށާޖެހޭ ގޮތެއްގައި ރިފޯމްކޮށް، މެދުރާސްތާއަށް ދަރަނި ނަގަން ޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރަން ތައްޔާރުވަމުން ކަމަށެވެ.
މި ގޮތުގެ މަތިން އަޅާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ހާލަތު ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ފިނޭންސުން ބުންޏެވެ. އަދި މި ރިފޯމް މަސައްކަތަށް ބައިނަލްއަގުވާމީ އެޖެންސީތަކުގެ އެހީތެރިކަން ލިބޭކަން ވެސް ވަނީ ފާހަގަކުރި އެވެ. މި ސިޔާސަތުތައް ތަންފީޒުވުމުން، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަ ކުރެވޭނެ ކަމަށް ބުންޏެވެ.
ކޮންމެއަކަސް، ކުރަން ޖެހޭ މަސައްކަތްތައް ހުރި ކަމަށް ބުނެ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތައް މި އަހަރަށް ފަސްކޮށް، މި ސަރުކާރު ހިންގާ ޕީއެންސީގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ފާސްކުރި ބަޖެޓުގައި އެކަން ކުރަން ހިމެނި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑައިރެކްޓް ސަބްސިޑީތައް އުވާލުމާއި އާސަންދަ އާއި ވެލްފެއާ ނިޒާމު ރިފޯމުކުރުމާއި ސަރުކާރު ކުންފުނިތައް ރިފޯމްކުރުމެވެ.
ހަރަދު ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަން ދޭހަކޮށްދިނުމުގެ ބޭނުމުގައި ފިނޭންސުން އަދަދުތަކެއް ވެސް ހިއްސާކުރި އެވެ. މި އަދަދުތަކުން ދެއްކި ގޮތުގައި ހަރަދު ކުޑަނުކޮށް ލަސްވާ ކޮންމެ މަހެއްގައި 254 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހެ އެވެ. އަދި މިއީ ބަޖެޓު ޑެފިސިޓަަށް އޭގެ އަސަރުކޮށް، އަނެއްކާ ވެސް ބަޖެޓު ސަޕްލިމެންޓު ކުރަން ޖެހިދާނެ ހާލަތެއް ކަމަށް ފިނޭންސުން ބުންޏެވެ.
އިތުރު ވާނެ ކަމަށް ބުނި ހަރަދުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށް އަންދާޒާކޮށްފައި އޮތީ ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދެވެ. އެ ގޮތުން ލަސްވާ ކޮންމެ މަހެއްގަައި ސަބްސިސީއަށް 176 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހޭނެ ކަމަށް ފިނޭންސުން ބަޖެޓާ އެކީ އާންމުކުރި މައުލޫމާތުން ދައްކަ އެވެ. މި ނިޒާމު ބަދަލުކޮށް ޓާގެޓުކުރަން ކަނޑައަޅާފައި އޮތީ މި ހިނގާ މާލީ ކުއާޓަރުގެ ތެރޭގަ އެވެ.
އެކަމަކު މި ކުއާޓަރު ފެށިގެން ގޮސް، ނިމެން މަހަކާ ދުވަސްކޮޅެއް ވެފައިވާއިރު، މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިން ފަހުމުވީ، ސަރުކާރުން މިކަން ކުރަން ނުވިސްނާ ކަމެވެ. އެ ދުވަހު ރައީސް ވިދާޅުވީ ސަރުކާރުން އަޅަން ބޭނުންވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި، ރައްޔިތަކަށް ލިބެމުންދާ އެއްޗެއް ގެއްލޭ ގޮތަކަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.
އެކަމަކު މިއީ އަޖައިބެކެވެ. ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކާއި ފަންނީ ތަޖުރިބާކާރުންނާއި، މި ރާއްޖޭގައި ވެސް މާލީ ކަންކަން ދިރާސާކޮށް ބަލައި މީހުން ބުނަނީ މިއީ ލިބެން ޖެހޭ މީހާއަށް ލިބޭ އެއްޗަކަށް ވުރެ ބޮޑަށް އެހެން މީހުންނަށް ފައިދާވާ ގޮތަށް އޮތް ނިޒާމެއް ކަމަށެވެ. ކަން މިހެން އޮތް އިރު، މިކަމުގައި ސަރުކާރުން ޔޫޓާނެއް ނަގައި، މިއީ ރައްޔިތު މީހާގެ ހައްގުގައި ކުރާ ކަމެއްގެ ގޮތުގައި ސިފަކުރަން އުޅުމުން ކުރެވެނީ މަލާމާތެއް ނޫންތޯ ހިތަށް އަރަ އެވެ.
މާލީ ހާލަތު ގޯސްވެ، ސަރުކާރުގެ ހަރަދުތައް ކުޑަކުރަން މި ކަންކަން ކުރަން ޖެހޭ ކަން ދަންނަ ހާލު، ރައްޔިތުންގެ މަންފާ އާއި ލާބަ މިނެކިރަން ސަރުކާރުން ގެންގުޅޭ މިންގަނޑާ މެދު ވެސް ސުވާލު އުފެދޭ ހިސާބަށް ކަންކަން ހިނގައްޖެ އެވެ. އަދި މިއީ އެއްގޮތަކަށް ވެސް ޔޫޓާނު ނުނަގާ، ވަރަށް ރޭވުންތެރިކަމާއެކީ ކަންކަން ކުރާ ސަރުކާރެކޭ އެމަނިކުފާނު ވިދާޅުވިޔަސް، އެ ބުނާ ރޭވުންތެރިކަމެއް ވެސް ނެތް ކަން ވަރަށް ސާފެވެ.
އަމިއްލައަށް ފައްކާކުރި ހޯމް ގްރޯން ރިފޯމް ވެސް ބޮލާލައި ޖަހައިފި އަމިއްލައަށް ފައްކާކުރި ހޯމް ގްރޯން ރިފޯމް ވެސް ބޮލާލައި ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ