ސިނގިރޭޓު ބޯ މީހުންނަށް އާސަންދަ ދިނުމާ މެދު ވިސްނަންޖެހޭ: ހުސައިން ހަމީދު

ސިނގިރޭޓު ބޯ ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އާސަންދަ ދިނުމާ މެދު ވިސްނާލަންޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދުންފަތުގެ ބާވަތްތައް 2007އިން ފެށިގެން އުފަންވި ޖީލަށް މަނާކުރަން ސަރުކާރުން ވަނީ މި މަހު 13 ގައި ރަސްމީކޮށް ނިންމައިފައެވެ. އެކަން ތަންފީޒުކުރަން ފަށަން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން ހުސައިން ހަމީދު ވިދާޅުވީ، ދުންފަތުގެ ކަންކަމާ ކުޅުމަކީ އަބަދު ވެސް މީހުން ބިރުގަންނަ ކަމެއް ކަމަށެވެ. އެކަމަކު، ދުންފަތުގެ މައްސަލައަކީ ދޫކޮށްލެވެން އޮތް މައްސަލައެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އޭނާ ވިދާޅުވީ، އާސަންދައިން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ގައިންގަޔަށް ނާރާ ބަލިތަކަށް ކަމަށެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ ބޮޑު އިންސައްތައެއް ގުޅެނީ ދުންފަތުގެ ވަބާއާކަން އޭނާ ފާހަގަކުރެއްވިއެވެ. https://sun.mv/205370 "ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަލިތައް މި ގުޅެނީ މި ނުރައްކާތެރި ދުންފަތުގެ ވަބާއާ. އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެންގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރެވޭ ހޭދަ އަޅުގަނޑުމެން މިއަށްވުރެ ޒިންމާދާރުކަމާ އެކު ކުރަން އެބަޖެހޭ،" ހުސައިން ހަމީދު ވިދާޅުވިއެވެ. އޭނާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އާސަންދަ ދިނުމާ މެދު ނުވިސްނަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އެއީ، ދައުލަތުން ދެ ފަހަރަށް ކުރެވޭ ޚަރަދެއް ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން، ހުސައިން ހަމީދު ވަނީ މަގުތައް މަތީގައި ސިނގިރޭޓު ބޯ މީހުން ހުއްޓުވަން ވެސް ގޮވާލައިފައެވެ. އޭނާ ވިދާޅުވީ، މަގުތަކުން މީހުން ހިނގާބިނގާވެ އުޅޭއިރު އެ މީހުންގެ ގަޔަށް ދުން ބުރާހެން ބައިވަރު މީހުން ސިނގިރޭޓު ބޯ ކަމަށެވެ. އެކަން ހުއްޓުވަން އޭނާ ވަނީ ގޮވާލައްވައިފައެވެ. https://sun.mv/205421 ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް މި ބިލު އިއްޔެ މަޖިލީހަށް ހުށަހެޅުއްވިއިރު ބިލު ތަޅުމުން ފާސްކުރުމުން ބިލަށް އަމަލުކުރަން ފަށާނީ މި އަހަރުގެ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ. ފަހުގެ ޖީލަށް ދުންފަތް މަނާކުރާ ބިލު މަޖިލީހަށް ބަލައިގަނެ، ވަގުތީ ކޮމިޓީއަކަށް މިއަދު ވަނީ ފޮނުވައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ދުންފަތުން ޒުވާން ޖީލުތައް ސަލާމަތްކުރަން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެ ގޮތުން، 2007 އިން ފަހުގެ ޖީލަށް ސިނގިރޭޓު މަނާކުރާއިރު މިދިޔަ އޮކްޓޫބަރު 31 ގައި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ވަރަށް ބޮޑަށް ބޮޑުކުރުމާ އެކު ކުރިން 110- 105 ރުފިޔާއާއި ދެމެދުގައި އުޅުނު ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 235 - 245 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ އެކު 'ވަގަށް' އެތެރެކުރާ ސިނގިރޭޓުގެ މައްސަލަ ވެސް ވަނީ އިތުރުވެފައެވެ. މި ފަހުން ވެސް ވަގަށް އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ