އިނގިރޭސި ވިލާތުން އިންޑިއާގެ ނިއުދިއްލީއަށް ކަނޑައަޅާފައި ހުރި އެމްބަސަޑަރަކު އެއް ދުވަހަކު ކާރުގައި ވަޑައިގަންނަވަނިކޮށް، ވެއްޓިފައި އޮތް ގެރިއެއްގައި އިންޑިއާގެ ޒުވާނަކު ކޮޅުފައިން ޖަހަނިކޮށް ފެނިވަޑައިގަތެވެ. ހަމަވަގުތުން ޔޫކޭ ސަފީރު އޭނާގެ ޑްރައިވަރަށް އެންގީ ކާރު ވަގުތުން ހުއްޓާފައި އެތަނަށް ފައިބައިވަޑައިގަންނަވަން ބޭނުންފުޅުވާކަމަށެވެ. ކާރު ހުއްޓާލުމާއެކު ސަފީރު ކާރުން ފައިބައިވަޑައިގެން "މާތްވެގެންވާ" ގެރިއާ ދިމާއަށް ވަޑައިގެން އޭގައި ކޮޅުފައިން ޖެހި ޒުވާނާއަށް ރުޅިވެރިކަމާއެކު ބަސްފުޅު ވިދާޅުވަމުން އެޒުވާނާ އެތަނުން ދުރަށް ލިއެވެ. އެއަށްފަހު ގެރީގެ "ރުއްސެވުމާއި ފުއްސެވުން" އެދިގެން ގެރީގެ ގައިގައި ފިރުއްމަވާ ހެއްދެވިއެވެ. އަދި އެއަށްފަހު ގެރީގެ ކުޑަކަމުދާ އެއްޗެހި ނެންގެމަށްފަހު މޫނުގައި ހާއްކަވާލެއްވިއެވެ. ދެން އެތަނަށް އެއްވެ ތިބިހާ މީހުން އެމީހުންގެ ބީރަށްޓެހި މީހާ ވެސް އިހުތިރާމުއަދާކުރި ގެރިއަށް ސަޖިދަޖަހައި ކުރުނީސްކުރިއެވެ. އެއަށްފަހު އެ ގެރިއަށް ކުޑައިމީސްކުރި ޒުވާނާ ހާޒިރުކޮށް އޭނާއަށް މީސްތަކުން އަދަބުދިނެވެ.
ދެން އިނގިރޭސިވިލާތުގެ ސަފީރު އެނބުރި ކާރަށް ވަޑައިގަތުމުން ކާރުގެ ޑުރައިވަރު އޭނާއާ ސުވާލުކުރިއެވެ. މަނިކުފާނު ހަމައަސްލަށް ވެސް ތިޔައީ ގެރިއަށް އަޅުކަން ކުރައްވާ "ގައުމިއްޔަތު" ގެ ބޭފުޅަކީތީއެވެ؟ އެހިނދު އިނގިރޭސިވިލާތުގެ ސަފީރު ޖަވާބުދެއްވިއެވެ. އެޖަވާބުން ޑިކްޓޭޓަރުން އެބައިމީހުންގެ އުކުޅުތައް ބޭނުންކޮށްގެން ނިކަމެތި ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރުވެގަންނަ ގޮތް ސާފުވެގެންދެއެވެ. އޭނާ ބުންޏެވެ. ޒުވާނާ ގެރިއަށް އެގޮތަށް ކުޑައިމީސްކުރި ކުރުމަކީ އެބައިމީހުން ހޭލުންތެރިވާން ފަށައިފިކަމުގެ ނިޝާނެކެވެ. ނަމަވެސް އެއީ އެބައިމީހުންގެ ތެރޭގައި އަބަދުވެސް އޮންނަން ތިމަންމެން ބޭނުންވެގެން އުޅޭ ސަގާފަތެވެ. ގެރިއަށް އަޅުކަންކުރުމަކީ ތާކުންތާކު ނުޖެހޭ މޮޔަ ކަމެއްކަން އެމީހުންނަށް ރޭކާލާފައިވާނަމަ، އެމީހުންތިބީހީ މިހާރުވެސް އަހަރެމެންނަށްވުރެ ތަހުޒީބާއި ތަމައްދުނުގައި ފަންސާސް އަހަރު ކުރީގައެވެ.
މިސްރުގެ މޮޅު ލިޔުންތެރިޔާ އަދި އިޖުތިމާއީ އިލްމުވެރިޔާ އަލްމަރުޙޫމް އަޙްމަދު ޚާލިދު ތައުފީޤު އޭނާގެ ފޮތެއްގައި ވިދާޅުވެފައިވެއެވެ. ވިހިވަނަ ގަރުނައަށް މަރުހަބާއެވެ. ހަރާން ގޮތްތަކާއި ތަކެތި ތިބާއަށް ހިލޭ ހޯދައިގަނެވޭނެ ގަރުނަށެވެ. ހަލާލު ގޮތްތަކާއި ތަކެތި އަތްނުފޯރާ ފަށުގައި އަގުބޮޑުވެފައިވާ ދުވަސްވަރަށެވެ. އެމްބިއުލާންސާއި ފުލުހުންގެ ހިދުމަތަށްވުރެ ޕިއްޒާއެއް ޑެލިވަރީވުން އަވަސްވެގެންވާ މި ޒަމާނަށެވެ. ތިމާގެ އަމިއްލަ ކަރާމާތްތެރިކަން ގެއްލުމަށްވުރެ އަތުގައި އޮންނަ ފޯނު ގެއްލުމަކީ މާ ބޮޑު ވޭނެއްކަމުގައި ވެފައިވާ ޒަމާނަށެވެ. މިހާރު މީހާގެ އަގު ކަނޑައަޅަނީ އޭނާ ލައިގެން ހުންނަ ފޭރާމުންނެވެ. ވަފާތެރިކަމާއި އޭގެ އަހުލުވެރިން އެއީ މާއިހުގައި އުޅުނު ބަޔެއްކަމުގައި ބެލެވޭ މި ޒަމާނަށެވެ. މުދާވެރިކަމަކީ އެއީ ހަމަހަމަކަމާއި މިނިވަންކަމާއި އަދުލުވެރިކަމުގެ ރަމްޒެއްކަމުގައި ވެފައިވާ މި ޗާލާކީ ޒަމާނަށެވެ.
މި އެކަނިވެރި ޒަމާނަށް މަރުހަބާއެވެ. ދޮގުހެދުމަކީ ހިތްވަރުގަދަކަން ކަމުގައި ވެފައިވެއެވެ. އަދި ހިޔާނާތްތެރިކަމަކީ ތޫނުފިލިލަންކަމުގައިވެފައިވެއެވެ. ފަގީރުކަމަކީ އައިބެއްކަމުގައިވެ، އޮރިޔާންކަމަކީ މިނިވަންކަމާއި ތަހުޒީބުކަމުގައިވެފައިވެއެވެ. އަދި ލަދުވެތިކަމާއި އައުރަ ނިވާކުރުން އެއީ ނާތަހުޒީބުކަމުގެ ކުންނުކަމުގައިވެފައވެއެވެ. މުދާވެރިކަމަކީ އަނެކުން އެމީހަކަށް އިހުތިރާމުކުރުން މަޖުބޫރުކުރުވަނިވި ކަމެއްކަމުގައިވެފައިވެއެވެ. އެއީ ހަރާން ގޮތުގައި ހޯދާފައިވާ މުދާވެރިކަމެއްކަމުގައި ވިޔަސްމެއެވެ.
އުސޫލުތައް ގަބޫލުކުރުމާއި ހަމަ ގަބޫލުކުރުން އެއީ ނާތަހުޒީބުކަމާއި ފަހަތަށް ޖެހުންކަމުގައިވެފައިވާ މިޒަމާނަށެވެ. އަދި އަހަރެން އިތުރަށް ބުނަމެވެ. އިހުތިރާމު ލިބިގެންވާ މީހާއަކީ މިޒަމާނުގައި، އެއްވެސް ހައިސިއްޔަތެއް މަގާމެއް ނެތް މީހެއްކަމުގައި ވެއްޖެއެވެ. ވައްކަމުގައި ބައިވެރިނުވާ މީހާއަކީ އެއީ އެއް މަޖިލިސްކޮށް އުޅެންކަމުނުދާ މީހެއްކަމުގައިވެ، ތިމާ ގެންގުޅޭ ސަވާރީގެ ފެންވަރު އެއީ ތިމާގެ ފަންތި ކަނޑައަޅާ މިންގަނޑުކަމުގައިވެއްޖެއެވެ.
އަހުމަދު ޚާލިދު ތައުފީޤު މިގޮތަށް ވިދާޅުވެފައިވާ ފޮތުގައި އިސްލާމީ ގައުމުތަކަށް ޖެހިފައިވާ އެންމެ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކާއި ސިޔާސީ މީހުން ސިފަކުރަމުން ހިޔާލީ ބުއްދިވެރި ވާހަކައެއް ގެންނަވާފައިވެއެވެ. ދަނޑުވެރިއަކު އޭނާ ގެންގުޅުނު އަހެއް ބަލިވެގެން ޖަނަވާރުންގެ ޑޮކްޓަރަކަށް އެސޮރު ދެއްކިއެވެ. ހައިވާނުންގެ ޑޮކްޓަރު އެ އަސް ބަލާލާފައި ދަނޑުވެރިޔާއަށް ބުންޏެވެ. އޭ ރަހުމަތްތެރިޔާއެވެ. މި އަހުގެ ޒަމާން މި އޮތީ ގޮސްފައެވެ. ދެ ދުވަހެއްގެ ތެރޭގައި އަމިއްލައަށް ތެދުވެ ހަރަކާތްތެރިވާން ނުފަށައިފިއްޔާ ދެން ބަލާނެ ވެސް ކަމެއް ނެތެވެ. މި އަސް ކަތިލައި މީގެ ޒަމާން ދުއްވާލަންވީއެވެ.
މިއަޑު އަހާން އޮތް ޒުވާން ކަންބަޅި ވަގުތުން އަހުގެ ގާތަށް ގޮސް މިހަބަރު ދިނެވެ. އަދި އަހަށް ހިތްވަރުދީ އޭތި ކޮޅަށް ޖެހޭތޯ ބެލިއެވެ. ކަންބަޅީގެ ހިތްވަރުދިނުމާއި ހޭހަންކުރުމުގެ ނަތީޖާއެއްގެ ގޮތުން އަހަށް ފަރުވާލިބި ދެ ދުވަހެއްގެ ތެރޭގައި އޭތި ކޮޅަށް ޖެހި ހަރަކާތްތެރިވާން ފެށިއެވެ. މިކަމާ ދަނޑުވެރިޔާ އުފާވިލެއް ބޮޑުކަމުން އޭނާގެ އަހުލުން އެއްކޮށް އެކަން ފާހަގަކުރުމުގެ ގޮތުން އެއްކަލަ ކަންބަޅި ކަތިލައި އެންމެހާ މީސްތަކުންނަށް އެއިން ބޮޑު ކޭމެއް ތައްޔާރުކޮށް އެރުވިއެވެ. ދޮގުވެރިކަމާއި އިޔަހޫދިކަމުގެ މައްޗަށް ބިނާވެފައިވާ މިޒަމާނުގެ ސިޔާސީ ހަރަކާތްތަކުން ސިޔާސީ ލީޑަރުން އިސްވެ ތިބެގެން އިހުލާސްތެރި މުވާތިނުން ގުރުބާން ކަންބަޅީންނަށް ހަދާލާ ގޮތް، އަޙްމަދު ޚާލިދު ތައުފީޤު ސިފަކުރައްވާފައިވަނީ މިފަދައިންނެވެ.
އަޙްމަދު ޚާލިދު ތައުފީޤު މިމޭރުމުން ޚިޔާލުފާޅުކުރައްވަމުން އިތުރަށް ވިދާޅުވެފައިވެއެވެ. ތިބާގެ ރަހުމަތްތެރިޔާއާއެކު ސާފު ބަހުން ވާހަކަދައްކައިފިނަމަ، އޭގެ ސަބަބުން އެ ރަހުމަތްތެރިޔާ ގެއްލިދެއެވެ. ތިބާގެ ހަގީގީ ހާލަތު ތިބާގެ އާއިލާއަށް ކިޔައިދީފިނަމަ، ތިބާގެ އަހުލުވެރިން ތިބާ ދުރުކޮށްލައެވެ. ތިބާގެ ލޯބިވެރިޔާއަށް ތިބާގެ ހަގީގަތް އަންގައިދީފިނަމަ އެ ލޯބިވެރިޔާ ތިބާ ދޫކޮށްދެއެވެ. ދީނީ އިލްމުވެރިޔާއަށް ތިބާގެ ހަގީގަތް ތިބާ ކިޔައިދީފިނަމަ، ތިބާއަކީ ކާފަރަކު ކަމުގައި އޭނާ ކަނޑައަޅައެވެ. ސަރުކާރަށް ތިބާގެ ހަގީގީ ވިސްނުން އަންގައިދީފިނަމަ ސަރުކާރުން ތިބާ ޖަލަށްލައި ހައްޔަރުކުރެއެވެ.
ދެން ހަދަނީ ކިހިނެއްހެއްޔެވެ؟ ދެން އެންމެންވެސް މިކަންކަމުން ސަލާމަތްވާން ހޯދަނީ އައްޑަނައެކެވެ. އަދި އެންމެންވެސް ހަގީގަތުގައި ފޭރާންލައްވައި ހަގީގަތް ފޮރުވަނީއެވެ. އެހިސާބުން އެންމެންވެސް ސަލާމަތްވެއެވެ.
މިސްރުގެ އިޖުތިމާއީ އަދި ސިޔާސީ ހާލަތު ދިރާސާކުރެއްވުމަށްފަހު ކަން އޮތް ގޮތް ސިފަކުރައްވަމުން އަޙްމަދު ޚާލިދު ތައުފީޤު ވިދާޅުވެފައި އެވާ ވާހަކަފުޅުތައް ސަތޭކަ އިންސައްތައިން އަހަރެމެންގެ ދިވެހި ވެއްޓާއި ދިވެހި ގައުމާ ދިމާނުވޭތޯއެވެ؟
އާދޭހެވެ! އެހެންވެސް އިސްލާމީ ވެށިތަކާއި މުޖުތަމައުތަކެކޭ އެއްގަތަށް އަހަރެމެންގެ ދިވެހި ވެއްޓާއި ދިވެހި ގައުމުގެ ހާލަތަކީވެސް މިއީއެވެ. މިހާލަތު ބަދަލުކުރުން ވަނީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ. އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "..ހަމަކަށަވަރުން، ބަޔަކުމީހުންގެ ހާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، ﷲ އެ ހާލަތު ބަދަލެއް ނުކުރައްވާނެއެވެ. ހަމަކަށަވަރުން ﷲ ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި، އެމީހުންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ."
ދިވެހިރާއްޖެ ބަދަލުކުރެވޭނީވެސް ދިވެހިންނަށެވެ. ދިވެހިރާއްޖެ ބަދަލުކުރެވޭނީވެސް ދިވެހިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ