ހުޅުމާލޭގައި މިއަދު ހަވީރު ވެހިކަލް ދުއްވުން ހުއްދަކޮށްފި ހުޅުމާލޭގައި މިއަދު ހަވީރު ވެހިކަލް ދުއްވުން ހުއްދަކޮށްފި

ފިތުރު އީދު ދުވަހާ ގުޅިގެން މިއަދު ހަވީރު މާލޭ ސަރަހައްދުގައި އާންމު ބޭނުންތަކަށް ވެހިކަލް ދުއްވުން މަނާ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން ކުރި އިއުލާން ބަދަލުކޮށް ހުޅުމާލޭގައި އެ ވަގުތު ވެހިކަލް ދުއްވުން ހުއްދަކޮށްފި އެވެ.
ސިޓީ ކައުންސިލުން ގެޒެޓުކުރި އިއުލާން ހިއްސާކޮށް އެ އިދާރާގެ އެކްސް އެކައުންޓުން ކުރި އިއުލާނެއްގައި ބުނީ ފިތުރު އީދާ ގުޅިގެން މިއަދު ހަވީރު 4:00 އިން 6:00 އަށް ހިނގާފައި އުޅެން މިހާރު ނިންމާފައިވަނީ މާލެ ސިޓީގެ، މާލެ، ވިލިމާލޭގައި ކަމަށެވެ.
މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މިގޮތަށް ބަދަލުކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅޭ އާންމުން، ބޭސްފަރުވާ ފަދަ އަސާސީ ކަންކަމަށް ފުރަތަމަ ފިޔަވައްސަށް ހިނގާފައި ދާން އުނދަގޫވާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
މި ވަގުތުތަކުގައި މާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވޭނީ ހާއްސަ ހުއްދައެއް އޮވެގެންނެވެ. މަސައްކަތުގެ ގޮތުންނާއި ކުއްލި ހާލަތުގައި ދަތުރު ކުރަންޖެހޭ ފަރާތްތަކަށް ދޫކުރާ ހާއްސަ ސްޓިކާ އީދު ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް ވަނީ ދޫކޮށްފަ އެވެ.
މީގެއިތުރުން ގްރޭޓާ މާލެ ސަރަހައްދުގައި މިއަދު ހަވީރު 16:00 އިން ރޭގަނޑު 23:30 އާއި ދެމެދު ބަރު އުޅަނދު ދުއްވުމަކީ ވެސް މަނާކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.
އީދު ދުވަސްތަކާއި އެހެންވެސް ރަސްމީގޮތުން ފާހަގަކުރާ ބައެއް ދުވަސްތަކުގައި މާލެ ސަރަހައްދުގައި އާންމުކޮށް ވެހިކަލް ދުއްވުން މަނާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ