ޢަލީ އިޙްޞާން ފިރާޤް
ޔަޒީދު ވަލީއަހުދަކަށް ހެއްދެވުމަށްޓަކައި މުޢާވިޔަތުގެފާނު އާންމު ރައްޔިތުންނަށް ފައިސާ ދެއްވިއެވެ. ޝައްކެއްވެސްނެތްގޮތުގައި މުޢާވިޔަތުގެފާނު ރައްޔިތުންގެ އެކަލޭގެފާނުގެ ކޮޅަށް އަނބުރައިލެއްވުމަށްޓަކައި، އެކަލޭގެފާނުގެ މުއްސަނދިކަމުގެ ބޭނުންފުޅު ކުރެއްވިއެވެ. މުޢާވިޔަތުގެފާނު އެގޮތަށް ކަންތައްކުރެއްވީ ފަހަރުގައި އެކަލޭގެފާނު ދެކެވަޑައިގެންނެވި ގޮތުގައި ޔަޒީދު ވަލީއަހުދަކަށް ހައްދަވައިފިނަމަ މުސްލިމުންނަށް ލިބޭނެ ހެވާއި ލާބަ އެކަލޭގެފާނަށް އޭރު ޤަބޫލުކުރެވިފައިވާނެތީއެވެ. ޔަޒީދަށް ރަސްކަން ލިބުމުން ލިބޭނެ ގެއްލުންތައް އެކަލޭގެފާނަށް ވަންހަނާވެފައި އޮތީމައެވެ.
ޙައްޖަށްފަހު އެނބުރި ދިމިޝްގަށް ވަޑައިގެންނެވިތަނުން، ކޫފާގައި އަބޫ މޫސާ އަލްޢަޝާރީ އަވަހާރަވި ޚަބަރު މުޢާވިޔަތުގެފާނަށް ލިބިވަޑައިގެންނެވިއެވެ.
ޒިޔާދު ބަޞްރާއާއި ކުފާގެ ވެރިއަކަށް ހައްދަވައި، މީގެ އިތުރުން ސާޖިސްތާނާ ހަމައަށް އޮތް ސަރަޙައްދުވެސް އެކަލޭގެފާނުގެ ޙުކޫމާތުގެ ތެރެއަށް ލެއްވި ވާހަކަ ކުރިން ދެންނެވިފައިވާނެއެވެ. ސިންދު، ކާބުލް، ބަލްޚް، ޚުރާސާން އަދި ތުރުކިސްތާނާ ހަމައަށް އިރުމަތީގެ ހުރިހާ ޤައުމެއް ޒިޔާދުގެ ބާރުގެ ދަށަށް ގެންދިޔުމަކީ ރަނގަޅު ކަމެއް ކަމަށް މުޢާވިޔަތުގެފާނު ދެކެވަޑައިގަތެވެ.
ޒިޔާދުގެ ޤަދަރު މަތިވެގެން ދިޔަ މިންވަރަކީ ފާރިސް އާއި ޚުރާސާނުގެ ގަވަރުނަރުން އަމިއްލަ އިޚްތިޔާރުގައި އައްޔަންކޮށް ވަކިކުރައްވަން ފެއްޓެވުމެވެ. ޒިޔާދު އިރުމަތީ ގައުމުތައް ބެލެހެއްޓުމާއި ހިންގުން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވިއެވެ. ޚަވާރިޖުން ބަޣާވާތް ކުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވައެވެ. ޒިޔާދުފަދަ ޝަރަފުވެރި ޤާބިލު މީހަކާ ދިމާވުމަކީ މުޢާވިޔަތުގެފާނަށް ލިބުނު ހެޔޮ ނަސީބެކެވެ. އިރުމަތީ ޤައުމުތަކުގައި ޒިޔާދަށް އަމްނުއަމާންކަން ޤާއިމު ނުކުރެވޭ ނަމަ، ނުވަތަ ޚަވާރިޖުންނާއި މުނާފިޤުންގެ ފިތުނަތައް މައިތިރު ނުކުރެވިއްނަމަ ޔަޒީދުގެ ބައިއަތު ހަމަޖެއްސުމުގައި ޝާމިލުވެވޭނެ އެއްވެސް ވަގުތެއް މުޢާވިޔަތުގެފާނަށް ނުވީހެވެ.
އުތުރު އެފްރިކާގެ ބޭނުންތަކަށް ރިއާޔަތްކޮށް عقبة بن نافع ވަނީ ޖަންގައްޔެއް ސާފުކުރައްވައިގެން قيروان (Kairouan) ސިޓީގެ ބިންގާ އަޅުއްވައިފައެވެ. ހިޖުރައިން 55 ވަނަ އަހަރު ޤައިރުވާނުގެ އާބާދީ ވަނީ އެންމެ މައްޗަށް ގޮސްފައެވެ. مسلمة بن مخلد، عقبة بن نافع މަޤާމުންވަކިކުރެއްވިއެވެ. އަދި އޭނާ ހުރި މަޤާމަށް أبو المهاجر އައްޔަންކުރެއްވިއެވެ. أبو المهاجر އަކީ مسلمة بن مخلد ގެ އަޅެކެވެ.
ހިޖްރައިން 56 ވަނަ އަހަރުގެ ތެރޭގައި ޔަޒީދު ވަލީއަހުދަކަށް ހެއްދެވުމަށްޓަކައި އިސްލާމީ އުއްމަތް ބައިޢަތު ހިފިއެވެ. ބައިޢަތު ނުހުފައި ތިބޭ ހަތަރުބޭކަލުންނެވެ. އެއީ އަބްދުﷲ ބިން ޒުބައިރާއި އަބްދުﷲ ބިން އުމަރާއި އަބްދުﷲ ބިން އައްބާސް އަދި ހުސައިން ބިން އަލީ އެވެ. އަމީރު މުއާވިއްޔާ އެބޭކަލުންނަށް ގަދަބާރު ދައްކަވައިގެން ބައިޢަތު ހިއްޕަވާކަށް ނޫޅުއްވައެވެ.
ޒިޔާދު އަވަހާރަވުން:
ހިޖްރައިން 53 ވަނަ އަހަރު ލައިގެން ވަބާއެއްގައި ޒިޔާދު ބިން އަބޫސުފްޔާނު އަވަހާރަވިއެވެ. އޭނާގެ އަވަހާރަވުމުން އަމީރު މުއާވިޔާ ވަރަށް ބޮޑަށް ހިތާމަފުޅު ކުރެއްވިއެވެ. ޒިޔާދުވަނީ އޭނާ އަވަހާރަވުމުގެ ކުރީން އިރާގާއި ފާރިސްކަރައިގެ އިތުރުން ޙިޖާޒުގެ ގަވަރުނަރުކަން އޭނާއަށް ދެއްވުމަށް އެދިވަޑައިގެންފައެވެ. މުޢާވިޔަތުގެފާނުވަނީ އެކަމަށް ރުހުންވެސް ދެއްވައިފައެވެ. ޙިޖާޒުގެ އަހުލުވެރިންނަށް މިވާހަކަ އަޑުއިވުމުން އިންތިހާއަށް ބިރުގަނެގެން ޢަބްދުﷲ ބިން ޢުމަރުގެ އަރިހަށް ގޮސް ޒިޔާދުގެ ވެރިކަމުން ސަލާމަތްވާނެ ގޮތެއްވޭތޯ އުޅުނެވެ.
އެބައިމީހުން އެންމެފަހުން ކަޢުބާގެ ކައިރިއަށް ގޮސް އެތަނަށް މޫނު ކުރިމަތިކޮށްގެންތިބެ ދުޢާއެއްކުރިއެވެ. އެ ދުޢާގެ ނަތީޖާއަކަށްވީ އިނގިލިފުޅުގައި ފޮޅެއްނަގައި ކުރިންދެންނެވި ވަބާގައި އަވަހާރަވުމެވެ. ޒިޔާދު އަވަހާރަވީ ރަމަޟާންމަހުގެ ތެރޭގައެވެ. ކޫފާގައެވެ. އަވަހާރަވުމުގެ ކުރީން ޒިޔާދުވަނީ ޚާލިދު ބިން އުސައިދަށް ކޫފާގެ ގަވަރުނަރުކަން ދެއްވައިފައެވެ.
ޒިޔާދު އަވަހާރަވިއިރު އޭނާގެ ދަރިކަލުން ޢުބައިދުﷲގެ އުމުރަކީ 25 އަހަރެވެ. މުޢާވިޔަތުގެފާނު އޭނާގެ އަރިހަށް ވަޑައިގެން އޭނާގެ ބައްޕަ މީސްތަކުންނަށް ދެއްވި ގަވަރުނަރުކަމުގެ މަޤާމާ ބެހޭ ގޮތުން ސުވާލު ކުރެއްވުނު ދެންނެވިއެވެ. [ސަމްރާ ބިން ޖުންދުބު އަށް ބަޞްރާގެ ގަވަރުނަރަކަން ދެއްވިއެވެ. ޚާލިދު ބިން އުސައިދު ކޫފާގެ ގަވަރުނަރަކަށް އައްޔަން ކުރެއްވިއެވެ.]
އަމީރު މުއާވިޔާ އޭނާއާ ސުވާލުކުރެއްވިއެވެ. [އެހެންވިއްޔާ ކަލޭގެ ބައްޕަ ކަލެއަށް ދެއްވީ ކޮންތަނެއްގެ ގަވަރުނަރުކަމެއް ހެއްޔެވެ؟] ޢުބައިދުﷲ ވިދާޅުވިއެވެ. "އަޅުގަނޑަށް އެއްވެސް ސަރަހައްދެއްގެ ގަވަރުނަރުކަމެއް ދީފައެއްނެތެވެ.] މުޢާވިޔަތުގެފާނު ވިދާޅުވިއެވެ. [ކަލޭގެ ބައްޕަ ކަލެއަށް އެއްވެސް ސަރަހައްދެއްގެ ގަވަރުނަރުކަން ނުދެއްވާތީ، އަހަރެންވެސް އެއްވެސް ސަރަހައްދެއްގެ ގަވަރުނަރުކަމެއް ނުދެއްވާނަމެވެ.]
ޢުބައިދުﷲ ދެންނެވިއެވެ. [މީހަކަށް މިއަށްވުރެ ބޮޑު ނިކަމެތިކަމެއް ލިބޭނެބާވައެވެ. އަޅުގަނޑުގެ ބައްޕަވެސް އަޅުގަނޑު އެއްވެސް ތަނެއްގެ ގަވަރުނަރަކަށް އައްޔަނެއް ނުކުރައްވައެވެ. ތިޔައީ އަޅުގަނޑުގެ ބޮޑުބޭބެއެވެ. ކަލޭގެފާނުވެސް އަޅުގަނޑު އެއްވެސް މަޤާމަކަށް ނުލެއްވީމުއެވެ.] މުޢާވިޔަތުގެފާނު ކޮންމެވެސް ވަރަކަށް ވިސްނާވަޑައިގެންނެވުމަށްފަހު، ޢުބައިދުالله ބަޞްރާއާއި ޚުރާސާން އަދި ފާރިސްކަރައިގެ އެންމެ މަތީ ވެރިއަކަށް އައްޔަންކުރެއްވިއެވެ.
ސަޢީދު ބިން ޢުޘްމާން ބިން ޢައްފާން ވަނީ ޔަޒީދު ވަލީއަހަދަކަށް ހެއްދެވުމަށްޓަކައި ބައިޢަތު ހިފައިފައެވެ. ޢަބްދުﷲ ބިން ޒުބައިރު، ޢަބްދުﷲ ބިން ޢައްބާސް، އަދި ޙުސައިން ބިން ޢަލީ ބައިޢަތް ނުހިއްޕަވާކަން އެނގިވަޑައިގެން އޭނާ ވިދާޅުވިއެވެ. [އަހަރެންގެ ބައްޕައަކީ މިބޭފުޅުންގެ ބަފައިކަލުންނަށްވުރެ ވަކިން ދެރަ ބޭކަލެއްނޫނެވެ. އަހަރެން ޔަޒީދަށް ބައިޢަތު ހިފައިގެން މިހުރެވެނީ ނުޙައްޤުންނެވެ.]
އެއަށްފަހު ސަޢީދު ބިން ޢުޘްމާން، އަމީރު މުޢާވިޔާގެ އަރިހަށް ގޮސް ދެންނެވިއެވެ.
[އަޅުގަނޑުގެ ބައްޕަ ކަލޭގެފާނާ ދޭތެރޭ ގޯސްކޮށް އެއްވެސް ކަމެއްކުރައްވައިފައެއްނެތެވެ. ވީމާ ވިދާޅުވެދެއްވަ ބައްލަވާށެވެ. އަޅުގަނޑުގެ މައްޗަށް ވާ ކަލޭގެފާނުގެ ވާޖިބަކީ ކޮބައިތޯއެވެ؟]
މިވާހަކަތައް އަޑުއައްސަވައި، އަމީރު މުޢާވިޔާ ޚުރާސާން ގެ ގަވަރުނަރުކަން ޢުބައިދުﷲ ބިން ޒިޔާދުގެ އަތުން ނަންގަވައި ސަޢީދު ބިން ޢުޘްމާނަށް ދެއްވިއެވެ. އެއަށްފަހު މުޙައްލަބު ބިން އަބޫ ސުފްރާ، ސަޢީދުގެ އެހީތެރިޔާ އަދި ކޮމާންޑަރ އިން ޗީފް ކަމުގައި ހެއްދެވިއެވެ.
ޒިޔާދު ބިން އަބީ ސުފްޔާން އަވަހާރަވިތާ މާގިނަ ދުވަހެއް ނުވެ ޚަވާރިޖުންގެ ފިތުނަވެރިކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. ޢުބައިދުالله ބިން ޒިޔާދު ބަޞްރާގެ ވެރިކަން ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޖެހުނީ އެމީހުންނާ ކުރިމަތިލާންށެވެ. އަމީރު މުޢާވިޔާ އަވަހާރަވެއްޖެއެމަށް ދާންދެންވެސް ޢުބައިދުالله ބިން ޒިޔާދު އަވަދިނެތި އުޅުއްވަން ޖެހިފައިވަނީ ޚަވާރިޖުންގެ ޙަމަލަތައް މަތަ ކުރެއްވުމަށެވެ.
އަމީރު މުޢާވިޔާތު 22: ޒިޔާދު އަވަހާރަވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ