ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު ޖަލުގައި ހުންނަވަން ޖެހުނީ ފޯނު ނުދެއްވުމުން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ރައީސް މައުމޫނުގެ ގާނޫނީ ވަކީލު މައުމޫނު ހަމީދު ރައްދު ދެއްވައިފިއެވެ.
ހދ. ހަނިމާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫނުގެ ފޯނު ދިނުމަށް ފުލުހުން އެދުމުން ފޯނު ދިން ނަމަ މައުމޫނު ހުންނަވާނީ ޖަލުގައި ނޫން ކަމަށާއި މައުމޫނު ހުންނަވާނީ ގޭގައި ކަމަށެވެ.
ރައީސް ޔާމީނުގެ ވާހަކަފުޅަށް ރައްދު ދެއްވާ މައުމޫނު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނާއި ދަރިކަލުން ފާރިސް މައުމޫނު އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމުވެސް މިހާރުގެ ސަރުކާރާއެކު ވަޑައިގެންފި ނަމަ އެ ބޭފުޅުން ހަމައެކަނި ތިއްބަވާނީ ގޭގަ ނޫން ކަމަށާއި މަތީ ދަރަޖަތައްވެސް ދެއްވާނެ ކަމަށެވެ. އަދި ހައްޔަރުކުރި ނަމަވެސް އެބޭފުޅުން އަމިއްލަ ނަފުސު ވިއްކާ ނުލައްވާނެ ކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
މައުމޫނު ހަމީދު މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ މަންދޫބެއްގެ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ރައީސް މައުމޫނުގެ އަރިހަށް ވަޑައިގެން "އެއްބާރުލުން ދެއްވުމަށް" ރައީސް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި ކަމަށެވެ.
"އެއްބާރުލުން ދިނުމަކީ ނުކުރާ ކަމަކަށް އެއްބަސްވުން ކަމަށް ވަންޏާ އެކަމެއް ނުކޮށްދެވޭނެ" ކަމަށް ރައީސް މައުމޫނު މިނިސްޓަރު އާދަމް ޝަރީފަށް ދެންނެވި ކަމަށްވެސް ވަކީލު މައުމޫނު ހަމީދު ވިދާޅުވިއެވެ.
ރައީސް މައުމޫނު ޖަލުގައި މިއަދު އިންނަވަން ޖެހިވަޑައިގެންނެވީ އެންމެ ސަބަބެއް އޮވެގެން ކަމަށް ވިދާޅުވެ މައުމޫނު ހަމީދު ވިދާޅުވި ގޮތުގައި އެ ސަބަބަކީ އަމިއްލަ ފައިދާ އާއި އާއިލީ ގުޅުންތަކުގެ މައްޗަށް ގައުމު އިސްކުރެއްވުމެއެވެ. އަދި އެކަން ރައީސް ޔާމީނަށް ހަޖަމް ކުރަން އުނދަގޫވީ ކަމަށްވެސް މައުމޫނު ހަމީދު ވިދާޅުވިއެވެ.
ޔާމީންގެ ވާހަކަފުޅަށް މައުމޫނު ހަމީދުގެ ރައްދު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ