މި ސަރުކާރަކީ ބޭރުގެ ޚިޔާލާއި މަޝްވަރާ ހޯދާ ސަރުކާރެއް - ދުންޔާ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަކީ ބޭރުގެ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާ ސަރުކާރެއް ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.އިއްޔެ ނޫސްވެރިންނާއި މުޚާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، ރާއްޖެއިން ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ގުޅިގެން މަސައްކަތްކުރަން އަބަދުވެސް ތައްޔާރަށް އޮތްކަމަށެވެ. މިމަހުގެ ތެރޭގައި އިންޑިއާގެ ފޮރިން ސެކްރެޓަރީއާއި، ސްރީލަންކާގެ ދެ މިނިސްޓަރުން އަދި އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ މިނިސްޓަރ ރާއްޖެއަށް ދަތުރުކުރައްވާފައިވަނީ ދުރާލާ ރޭވިގެންކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި މިދަތުރުތަކުން ރަމްޒުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން، ރާއްޖެއާއި ބޭރު ދުނިޔެއާއި އޮތް ގާތް ގުޅުން ކަމަށް  ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މިދަތުރުތަކުގެ ތެރެއިން ހުރިހާ ފަރާތްތަކާއިއެކުވެސް ރާއްޖެއާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ސިޔާސީ މަޞްރަޙާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އަދި އެކަމަނާއާއިވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ދުންޔާ ވިދާޅުވިއެވެ.މިމަހުގެ ތެރޭގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ އެސް. ޖައިޝަންކަރާއި، މިދިޔަ ހަފްތާގައި ސްރީލަންކާގެ ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރައާއި މާލީ ވަޒީރު ރަވީ ކަރުނަނަޔަކެ އަދި އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ އޭޝިއާއާއި ބެހޭ ސްޓޭޓް މިނިސްޓަރ ހޫގޯ ސްވަޔަރ މި ހަފްތާގައި ރާއްޖެއަށްވަނީ ޒިޔާރަތް ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ