ސުޕްރީމް ކޯޓުގެ މޮބައިލް ފޯނަކުން އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އޭނާގެ ދެ ދަރިންނަށް ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ދައުލަތުން މިއަދު ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.
މި މައްސަލާގައި ފަނޑިޔާރު އަލީ ހަމީދު މައްޗަށް އުފުލާފައިވަނީ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުންކުރުމުގެ ދައުވާ އެވެ. އެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ބޭއްވި އެވެ.
އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވަނީ ދައުވާ އިއްވާފަ އެވެ. އެ ދައުވާގައި ބުނެފައިވަނީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ މޮބައިލް ފޯނަކުން އޭނާގެ ދެ ދަރިންނަށް ޖުމްލަ 2،200 ރުފިޔާ ޓްރާންސްފާކޮށްފައިވާ ކަމަށެވެ.
އެ ދައުވާ އިއްވުމުން އަލީ ހަމީދު ވިދާޅުވީ، ދައުވާ ވަރަށް ސާފު ކަމަށެވެ. އަދި މައްސަލާގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާއެކު ކަމަށެވެ. އެކަމަށް 10 ދުވަހުގެ މުއްދަތަކަށް އެދުނެވެ. އެ މުއްދަތު މައްސަލަ ބައްލަވާ ގާޒީ، ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ދެއްވި އެވެ.
މި މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން 2016 ވަނަ އަހަރު ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި މައްސަލައެކެވެ. މައްސަލާގައި ދައުވާކޮށް ކޯޓަށް ހުށަހަޅާފައިވަނީ އެހެން މައްސަލައެއްގައި އަލީ ހަމީދު ހައްޔަރުކުރި ފަހުން މި އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެ މިހާރު ވެސް އަލީ ހަމީދު ގެންދަވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ކޯޓުގެ ފޯނުން އަލީ ހަމީދު ދަރިންނަށް ފައިސާ ޓްރާންސްފާކުރި: ދައުލަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ