ކޮވިޑް 19އާ ގުޅޭގޮތުން އެންމެ އިސް ބަސް އަދި އެންމެ ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާގައި މި ބަލި ފެތުރެން ފެށުމާއެކު ޖެނުއަރީ ހަވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ސަރުކާރުން ކުރާ ކަމަކީ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދުތައް ތަންފީޒުކުރުމަށް މަގުފަހުކޮށްދިނުން ކަމަށެވެ.
"ހާލަތާ ގުޅޭގޮތުން ކަންކަން ބަދަލުކުރަމުން މި އަންނަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް. އަޅުގަނޑު ދެކޭގޮތުގައި މިކަމުގައި އެންމެ އިސް ބަސް ވެސް އަދި އެންމެ ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން. ސަރުކާރުން ކުރާ ކަމަކީ އެބޭފުޅުންގެ އިރުޝާދުތައް ތަންފީޒުކުރުމަށް މަގުފަހުކޮށްދިނުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ތަޖުރިބާކާރުން އެ ދެއްވާ އިރުޝާދުތަކާއި ލަފަޔާ އެއްގޮތަށް ރައްޔިތުން ވެސް އަމަލުކުރުމަށް ދަންނަވާ ކަމަށާއި އެބޭފުޅުން އެ މަސައްކަތްކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ހުރަސްއެޅޭކަން ގަބޫލުފުޅުކުރައްވާ ކަމަށާއި ނަމަވެސް މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑް 19: އެންމެ އިސް ބަސް ވެސް އަދި އެންމެ ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ