އިންތިޚާބުގައި ވާދަކުުރާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވިސްގެ މުވައްޒަފުން، އިންތިޚާބު ނިމެންދެން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާތީ އެކަން އުވާލުމަށް ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.
އަންނަ މަހު ހައެއްގައި ބޭއްވުމަށް ކުރިން ނިންމާފައިވާ އިންތިޚާބު މިހާރު ރާއްޖެ އާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަންނަ މަހު 18 އަށް ފަސްކޮށްފަ އެވެ. އަދި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރުން ހޮވާ އެ އިންތިހާބު، ރޯގާގެ ހާލަތު ރަނގަޅުވަންދެން ފަސްކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ޕީޕީއެމް ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އިންތިޚާބުގައި ވާދަކުރާ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްވެފައި ތިބެން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އެ ޕާޓީތަކަށް ލިބެމުންދާ ކަމަށެވެ. އެހެންވެ، އިންތިޚާބު ފަސްކުރުމަށް އިއުލާން ކުރި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން، މުވައްޒަފުުންގެ މުސާރަ އާއި އިނާޔަތްތައް ހިނގާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ގޮވާލާފައިވެ އެވެ.
އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނީ އިންތިޚާބުގެ ތާރީހު ކަނޑައެެޅުމާއި އިންތިޚާބު ކުރިއަށް ދަނީ އިންސާފުވެރިކަމާއެކު ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި ތަޅާފޮޅުމެއް ނެތް ގޮތަށް، މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭގޮތަށް ކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށެވެ. އެކަމަކު އެ ކޮމިޝަނުގެ ޒިންމާ އަދާކުރުމުގައި ފަސް ޖެހެމުންދާ ކަމަށް ބަޔާނުގައި ބުންޏެވެ.
ކޯލިޝަނުން ތުހުމަތު ކުރިގޮތުގައި އިލެކްޝަންސްގެ ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ހުރަސް އަޅަމުންނެވެ. އެހެން އެ ޕާޓީތަކުން ބުނީ، އިންތިޚާބު ފަސްކުރުމުގެ ބާރު ކޮމިޝަނަށް ލިބޭއިރު އެކަމަށް ފަރުވާ ހޯދައިދޭން ކޯޓުތަކުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން އެދޭތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ފަރުވާ ހޯދައިދެވޭނީ މަޖިލީހަށް ކަމަށް ވިދާޅުވެފަ އެވެ.
އެކަމަށް ފާޑު ކިޔައި، އިދިކޮޅު ކޯލިޝަނުން ބުނީ "ގާނޫނީ ގޮތުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މަޖިލީހުގެ ދޮރުގައި ޓަކިދޭން ވެއްޖެ ނަމަ، ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގަޑުބަޑުވެ، އެއްބާރުން އަނެއް ބާރުގެ ތެރެއަށް އަތް ބޭނުމުގެ ފަލްސަފާއެއް އުފެދިދާނެ" ކަމަށެވެ.
އެހެންވެ، ސަރުކާރާއި މަޖިލީހުން، މިނިވަން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ނުވަނުމަށް ކޯލިޝަނުން ގޮވާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ