ހޯނޑެއްދޫ ޑްރަގް އޮޕަރޭޝަނުގައި 9 ކިލޯގެ މަސްތުވާތަކެތި ހޯދާ 9 މީހަކު ހައްޔަރުކޮށްފި

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ގދ. ހޯނޑެއްދޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 9 ކިލޯގެ މަސްތުވާތަކެއްޗާއި އެކު 9 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.  އެ ގެތައް ބަލައި ފާސްކުރިއިރު މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އަލާތްތައް ފެނިފައިވާ ކަމަށާއި ކުށުގެ ވެށިން ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވަނީ ފްރީޒްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރިކޯޑު އޮންނަ މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކީ އެއްވެސް ކުށުގެ ރެކޯޑެއް މިހާތަނަށް އޮތް ދެ މީހުންނެއް ނޫނެވެ. އަދި އޭގެތެރެއިން އެކަކު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާއި އެކުގައި ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމާ ފެށޭ ހަފުތާތެރޭގައި މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ