ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އަލީ ރަޝީދާ ހަވާލުކޮށްފި

ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދާ ހަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
Advertisement
ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދާ ހަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި މިގޮތަށް ނިންމީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަހްމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީ އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.
ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ހަދާފައިވާ މުވައްޒަފުންގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ހިމަނާފައިވާ ކުރެހުމެއްގެ މައްސަލައެއްގަ އެވެ.
ޖޭއެސްސީން ހައިލަމްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުންދާއިރު އެ ކުރެހުމުގައި ވަނީ ނޮވެމްބަރު 3 ގެ އިސް ދެ ޓެރަރިސްޓުން ކަމަށްވާ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރުގެ ފަހަތުން ޗޭނެއް އަޅުވާފައި ތިބި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމަނާފަ އެވެ.
ހައިލަމް ސަސްޕެންޑް ކުރަން ނިންމިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑާކުރުމުގެ ދައުވާއާއި ގުޅިގެން ހުކުމްކުރުމަށް މިއަދަށް އޮތީ ތާވަލްކޮށްފަ އެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން އޭނާ ބައްލަވަމުން ގެންދެވި މިމައްސަލައިގެ މިއަދުގެ މަޖިލިސް ކުރިއަށް ނުގެންދިއުމަށްވެސް ކޯޓުން މިއަދު ވަނީ ނިންމާފަ އެވެ.
ކްރިމިނަލް ކޯޓު ހިންގުމާ މިއަދު ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި އަލީ ރަޝީދު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. ގާޒީ އަލީ މީގެކުރިން ވަނީ ސިވިލް ކޯޓާއި ޑްރަގް ކޯޓުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.
މީގެއިތުރުން ގާޒީ އަލީ ރަޝީދު ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ. އަދި ޖޭއެސްސީން ވަނީ އޭނާއަށް އިންޓަވިއުވެސް ކޮށްފަ އެވެ.
ކޯޓުތަކަށް އިސް ގާޒީން ކަނޑައެޅުމުގައި ޖޭއެސްސީން މިހާރު އަމަލު ކުރާ އާންމު އުސޫލަކީ ފަނޑިޔާރު ކަމުގެ މަގާމުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންނަށް އިސްކަންދިނުމުގެ އުސޫލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ