ކާށިދޫ ސްކޫލް ދަރިވަރުންތަކެއް، ކްލާސްރޫމްގައި ވޭޕް ބޭނުންކޮށްފި

ކ.އަތޮޅު ކާށިދޫގައި އުންނަ ކ.އަތޮޅު ސްކޫލްގެ ކުދިތަކެއް ސުކޫލްތެރޭގައި ދުންފަތުގެ އިސްތިއުމާލް ކުރާކަމަށް ބުނެ ބެލެނެވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ބެލެނިވެރިން ބުނާ ގޮތުގައި ދަރިވަރުންތަކެއް ވަނީ ސްކޫލަށް ވޭޕް ގެންގޮސް، ކްލާސް ރޫމްގައި ތިބެ ވޭޕް ވެސް ބޭނުން ކޮށްފައެވެ.
"ވަގުތު" އަށް މައުލޫމާތު ދިން ކާށިދޫގެ ބެލެނިވެރިންތަކެއް ބުނީ ދަރިވަރުން ކްލާސްތެރޭގައި ވޭޕް ބޭނުން ކޮށްފައި ވަނީ ޓީޗަރު ކްލާހަށް ނުދިޔަ ދުވަހަކު އެވެ.
ބެލެނިވެރިން ބުނާ ގޮތުގައި 11 ވަރަކަށް ދަރިވަރުން ވަނީ ކްލާސް ރޫމްގައި ތިބެ ވޭޕް ބޭނުން ކޮށްފައެވެ. މިކަން ކޮށްފައި ވަނީ ގުރޭޑް 6 ގެ ދަރިވަރުން ކަމަށް ބެލެނިވެރިން ބުނެއެވެ.
"އަހަރެން ސުކޫލްއަށް ކުދިން ފޮނުވަނީ ރިވެތި އަހުލާގު އުގަންނަވައި ދިނުމަށް. ސުކޫލުގެ ޒިންމާއެއް އެއީ މި ކަހަލަ ބޮޑެތި މައްސަލަތައް ބެލުން. މިހާދުވަސް ވިއިރުވެ ސުކޫލުން އަޅާނުލާ. ޕުރައިމަރީ ސެޝަންގެ އިންޗާޖް އޭނަވެސް އަޅާނުލާ އަދި އޭނަ ހީވަނީ އޭނަގެ އަންހެނުންގެ ބޭބެ އެތާ ޕުރިންސިފަލަށް ވީމަ އެއީ އެމީހުންގެ ގެދޮރުކަމަށް. އެހެން އެއީ އަހަރެމެން ކުދިންގެ މުސްތަގުބަލް އަލިވާތަން. އަހަރެންގެ އުންމީދަކީ މިކަންތައްތައް ކަމާބެހޭ އިދާރާތަކުން ބަލައި ކޮންމެވެސް ވަރެއްގެ އިސްލާއެއް މި ސުކޫލަށް ލިބުން." ބެލެނިވެރިޔަކު ބުންޏެވެ.
އިތުރު ބެލެނިވެރިޔަކު ބުނީ ކުދިންގެ އަޙްލާޤު ރަނގަޅު ކުރަން ސްކޫލް ތެރެއިން ކުރެވެން ހުންނަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ދެވެމުން ނުދާ ކަމަށެވެ.
"ޓީޗަރަކު ބަލިވެއްޖެނަމަ ވެސް އެގަޑީގައި ދަރިވަރުން ކައިރީ މަޑުކޮށްލާނެ ޓީޗަރަކު ހުންނަން ވާނެ. ދަރިވަރުން ކްލާސް ތެރޭގައި ވޭޕް ބޭނުންކޮށް، ބޭނުން ކަމެއް ކުރާ ހިސާބަށް ދިޔައިމަ މިއީ މެނޭޖް ނުކުރެވުން. ވަރަށް ގޯސްކަމެއް މިއީ." އެބެލެނިވެރިޔާ ބުންޏެވެ.
ބެލެނިވެރިންގެ ޝަކުވާތަކާއި ގުޅިގެން "ވަގުތު" އިން ސްކޫލްގެ ޕްރިންސިޕަމް ނަތީމް އަށް ގުޅުމުން ވިދާޅުވީ ދަރިވަރުންތަކެއް ވޭޕް ބޭނުން ކުރި މައްސަލައެއް ފާހަގަ ކުރވުނު ކަމަށާއި އެކަން ކުރި ދަރިވަރުންނާއި މެދު ފިޔަވަޅު އަޅާފައި ވާނެ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވުމަށް ޕްރޮގްރާމެއް ވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ ޓީޗަރުން ރަސްމީ ގަޑީގައި އަމިއްލަ ކަންތައްތަކުގައި އުޅުއްވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނެތް ކަމަށާއި، އެފަދަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ.
ކާށިދޫ ސްކޫލްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން މީގެ ދެތިން އަހަރު ކުރިން ވެސް "ވަގުތު" އިން އެކަމުގެ ވަރަށް ގިނަ ތަފްސީލްތަކެއް ހާމަކުރިއެވެ. އެމައްސަލަތައް ފާހަގަ ކުރުމުން އޭރު ސްކޫލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އޭރު ވެސް ޕްރިންސިޕަލަކަށް ހުންނެވީ މިހާރުގެ ވެސް ޕްރިންސިޕަލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ