ތިން ރައީސުން ގުޅުމުގެ ނިޔަތަކީ 2028ގައި ރައީސާއި ވާދަކުރަން ޓިކެޓު ހޯދުން: މުންދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯއްދެވުމުގެ ބޭނުމުގައި، ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން މަސައްކަތްކުރައްވަން އުޅުއްވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް، އެކުގައި ގައުމު ސަލާމަތްކުރަން ނުކުންނަވަން ގޮވާލައްވާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ފާއިތުވި ދެ އަހަރެއްހާ ދުވަހު ސިޔާސީ މައިދާނުން ގެއްލިފައި ތިބި ގިނަ ބަޔަކު ކުއްލިއަކަށް ނުކުމެ ސަރުކާރަށް ފާޑުކިޔަން ވަނީ ފަށާފަކަމަށެވެ. އަދި ނޫސްވެރިންގެ ހައްޤުތަކުގެ ނަމުގައި ކުރީގެ ރައީސުން އެކުލަވާލަން އުޅުއްވާ އިއްތިހާދުގެ ހަގީގީ މަގުސަދަކީ ދެވަނަ ދައުރަކަށް ރައީސް މުޢިއްޒު ނުކުމެވަޑައިގަންނަވާއިރު، އެމަނިކުފާނާ ދެކޮޅަށް ނުކުންނަވާނެ ކެންޑިޑޭޓަކަށް ވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.
މުންދު އިތުރަށް ވިދާޅުވީ އެއްބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރުކޮށް، އެންމެ ބޮޑެތި ވާދަވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިއަދު އެކުގައި މަސައްކަތްކުރައްވަން ނިންމެވުމަކީ ހައިރާންކުރުވަނިވި ކަމެކެވެ.
އަދި އެ ބޭފުޅުންގެ ވެރިކަމުގައި ކަންކަން ކުރެއްވި ގޮތުން ރައްޔިތުން ދެވަނަ ދައުރެއް ދީފައިނުވުމަކީ ވިސްނާލަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ވެސް 2028ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް އެމްޑީޕީގެ އެތެރޭގައި ފައްޔާޒާއި ރައީސް ސޯލިހު އަދި ޢަބްދުﷲ ޝާހިދުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮތްކަމަށް އަޑުފެތުރިފައިވާއިރު، ރައީސް ޔާމީން ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ