އައްޑޫ ވިޔަފާރިވެރިންގެ އަޑު ސަރުކާރުން އަހައިފި ކަމަށާއި ސަރުކާރުތެރެއިން ވިޔަފާރިވެރިން ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ ދެދުވަހުގެ މުއްދަތަށް އައްޑޫގައި ކުރިއަށް ގެންދިޔަ ބިޒްނަސް ޑައިލޮގް ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އައްޑޫސިޓީ ހިތަދޫ ސްކޫލުގައި މިމަހުގެ 13 އިން 14 އަށް ކުރިއަށް ގެންދިޔަ އައްޑޫ ބިޒްނަސް ޑައިލޮގަކީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާ އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމު ކުރި ދެދުވަހުގެ މަހާސިންތާ އެކެވެ. މިމަހާސިންތާގައި އައްޑޫގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި އެކި ދައިރާތަކަށް ނިސްބަތްވާ ފަރާތްތަކުގެ އިތުރުން އައްޑޫސިިޓީ ކައުންސިލުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އައްޑޫ މަހާސިންތާގެ ދެ ދުވަހުތެރޭގައި ގިނަ މަޝްވަރާތަކެއް ކުރެވިގެންދިޔައެވެ. ފުރަތަމަ ދުވަހު ބޮޑަށް އަލިއަޅުވާފައިވަނީ އައްޑޫގެ އިޤްތިޞާދީ ހާލަތާއި، އައްޑޫގެ އިޤްތިޞާދުގައި މިހާރު ދިމާވެފައި ހުރި ގޮންޖެހުންތަކުގެ މައްޗަށެވެ. އަދި އައްޑޫގައި ކުރިއެރުވިދާނެ ދައިރާތަކާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުރި ކަންކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ވިޔަފާރިވެރިންނާއި ހިއްސާކޮށްފައިވެއެވެ.
މަހާސިންތާގެ ދެވަނަ ދުވަސް ކަނޑައެޅީ، ވިޔަފާރިވެރިންނަށް ދިމާވެފައިވާ ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ލުއިތަކާއި މެދު މަޝްވަރާ ކުރުމަށެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި މިކަންކަމަށް ރިއާޔަތް ކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫގެ އިޤްތިޞާދު ހަރަކާތްތެރި ކުރުމަށް 3 އަހަރުގެ މުއްދަތަށް އިނާޔަތްތަކެއް ދިނުމަށް ނިންމާފައިވުމަށް ވިޔަފާރިތަކަށް ބޭނުންވާ އިނާޔަތްތައް ވިޔަފާރިވެރިން ވަނީ ހުށަހަޅާފައެވެ.
މިމަހާސިންތާ ނުވަތަ ބިޒްނަސް ޑައިލޮގް ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މަހާސިންތާގެ ކާމިޔާބީ ވަޒަން ކުރުމަށް މުހިންމު ވަނީ އެއްކަރުދާސް ކުރެވޭ ސިޔާސަތުތައް ކަމަށާއި އެކަން ކުރުމަށް ޤާނޫނާއި ޤަވާއިދަށް ބަދަލުތައް ގެނެސްގެންވެސް އެކަން ކުރައްވާނެ ކަމަށެވެ. އަދި މި މަހާސިންތާ ތެރެއިން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ތިބޭފުޅުންގެ އަޑު އަދި މިތާގެ އަޑު އިއްވައިފި. މިތާ ނެތް ފަރާތްތަކުގެ އަޑު ސަރުކާރަށް އިއްވައިފި. އެހެންވީމަ މުޢައްސަސާތަކުގެ މައްޗަށް ދައުލަތް ލާޒިމް ކުރާ ކަމަކީ، ވިޔަފާރިވެރިންގެ އަޑު ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާއި ހަމައަށް ގެނެސްދޭން ކޮންސެޕްޗުއަލައިޒް ކުރާށޭ ނުވަތަ އެވާހަކަ ގެނެސްދޭށޭ. އަޅުގަނޑުމެން ކޮށްދޭނަން ޔަޤީނުންވެސް އެއްކަން. ތިބޭފުޅުންގެ އަޑު ސަރުކާރު ތެރޭގައި އިއްވައިދޭނަން. އެހެންވީމަ ރައީސްގެ އެންގެވުމަށް އައްޑޫއަށް ސީދާ އައިސް އައްޑޫގެ ވިޔަފާރިވެރިންގެ އަޑު އެހީ" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އައްޑޫ ބިޒްނަސް ޑައިލޮގަކީ އައްޑޫ ސިޓީއަށް އެކްސްލެރޭޓެޑް ޑިވެލޮޕްމެންޓެއް ނުވަތަ ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމުން ތަންފީޒު ކުރުމަށް މަގުފަހި ކުރުމަށްޓަކައި ބޭއްވި މަހާސިންތާއެކެވެ. މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
އައްޑޫ ވިޔަފާރިވެރިންގެ އަޑު ސަރުކާރުން އަހައިފި، ހައްލު ހޯދައިދޭނަން: ވަޒީރު ސަޢީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ