ވ. އަތޮޅު ޑައިވިން ހާދިސާ: ފެނުނީ އެކަކު، 5 މީހުން ކަމަށް ބުނީ ފުލުހުންނަށް އޮޅިގެން

ވ. އަތޮޅުގައި އޮތް ސަފާރީއަކުން ފީނަން ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަނިކޮށް، ފަސް މީހުން ފެނުނު ވާހަކަ ކުރިން ބުނެވުނީ އޮޅިގެންކަމަށާއި، މިހާދިސާގައި އަދި ފެނިފައިވަނީ އެކަކު ކަމަށް ފުލުހުން ދެންމެ ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ އިޓަލީގެ 5 މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ.
މި މީހުން ހޯދުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކު މިހާރު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެމީހާ ފެނުނުއިރު އޮތީ ނިޔާވެފައި ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ މި ހާދިސާގައި ގެއްލިފައިވާ އެހެންމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރަމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ