ކޯޓްތަކާއި ޖަލުތަކުގައި ވީޑިޔޯ ލިންކެއް ގާއިމްކޮށް ވީޑިޔޯ މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސާނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ކުށްވެރިންނަށް ދައުލަތުން ބޮޑު ހޭދައެއް މިއަދު ކުރަންޖެހިފައިވާ ކަމަށާއި މިދިއަ އަހަރު ކުށްވެރިން އުފުލަން ދުވާލަކު 30 ދަތުރުކޮށް މުޅި އަހަރަށް 11،000 ދަތުރު ކުރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މިންވަރަށް ކުށްވެރިން އުފުލަން ދޯނިފަހަރާއި ވެހިކަލްތަކުގައި ދަތުރުކޮށްފައިވާއިރު އެއީ ޓެކްނޮލިޖީގެ އެހީގައި ކުޑަކުރެވިދާނެ ހަރަދެއް ކަމަށެވެ. މިއަހަރުތެރޭ ކުރިމިނަލް ކޯޓާއި ޑްރަގްރާއި އަދި މާލެއާއި މާފުށީ ޖަލު ވީޑިޔޯ ނެޓްވޯކަކުން ގުޅާލައްވާނެ ކަމަށާއި އޭގެ ފަހުން ޝަރީއަތްތައް ކުރިއަށް ގެންދިއުމާއި، މުއްދަތު ޖެހުން ފަދަ ކަންކަން ކުރިއަށް ގެންދާނީ ވީޑިޔޯ މެދުވެރިކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު އަމާޒެއް. މިކަން ގާއިމްކުރެވުމުން ދެން މިއަހަރާ މިދިޔަ އަހަރު ކުރި 11000 ދަތުރުކުރާކަށް ނުޖެހޭނެ. އެކަމުގެ ސަބަބުން ވަރަށް ބޮޑު ޚަރަދެއް މިދިޔައީ ލުއިވެގެން އިނގޭތޯ؟" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކި ވަގުތުތަކުގައި ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި ކޯޓް އަމުރު ހޯދަން ވެސް ފަސޭހަ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށާއި އެ ނިޒާމްގެ ދަށުން ވަކި އެޕްލިކޭޝަނެއް ބޭނުންކޮށްގެން ވޮރަންޓް ދިނުމުގެ ކަންކަން ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން ނުކުރެވޭނަމަ ފޯން މެދުވެރިކޮށް ކޯޓްތަކަށް ނުގޮސް ކޯޓް އަމުރުދެވޭނެ އިންތިޒާމެއް ހަމަޖައްސާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިނިޒާމް ގާއިމްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދަންވަރުގެ ވަގުތެއްގައި ވެސް ކިތަންމެ ވިއްސާރަ ވަގުތެއްގައި ވެސް ގާޒީ މިޖެހެނީ ކޯޓް އަމުރު ދޫކުރަން ކޯޓަށް ވަޑައިގަންނަވަން. މިއީ މިޒަމާނުގައި ކަންކަން ކުރާނެ އުސޫލެއް ނޫން،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް މިނިސްޓަރު ވިދާޅުވީ އެކި މައްސަލަތަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހުން ދެނެގަތުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ޓެކޮނޮލޮޖީގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މި ނިޒާމުގެ އެހީގައި ފުލުހުން ބަލާ ފާސްކުރާ އެކި މީހުންގެ ފޯންތަކުން ވަކި ނަންބަރަކަށް އެސްއެމްއެސް ކުރުމުން އެމީހަކީ ފުލުހުން ހޯދާ މީހެއްތޯ އެމީހަކު ހޯދަނީ ކޮންކަމަކުތޯ ސާފްވެގެންދާނެ ކަމަށެވެ.
"އޭރުން އެގޮތަށް ފާސްކުރެވޭ މީހުންނަކީ ނުރައްކާތެރި ބައެއްތޯ އެއީ ހޯދާ މީހެއްތޯ މަގުމަތީ ހަރަކާތްތެރިވާ ފުލުހުންނާއި ކަސްޓަމުސްގެ އޮފިސަރުންނާއި ކަރެކްޝަންގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" އުމަރު ވިދާޅުވިއެވެ.
ކޯޓަށް ހާޒިރު ނުކޮށް ޝަރީއަތް ކުރާނެ ނިޒާމް ގާއިމް ކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ