މަޖިލިސް އިންތިހާބުގައި ނަޝީދަށް ރައްދުދެއްވާނީ ރައްޔިތުން: ސަރުކާރު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށާއި ކުރީގެ ރައީސް ނަޝީދުއަށް ރައްދު ދެއްވާނީ ރައްޔިތުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނެފައި މިވަނީ އިއްޔެ ނިމުނު ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ނުލިބެނީސް އިންތިހާބު ސާފު އަޣުލަބިއްޔަތުން އެމްޑީޕީން ކާމިޔާބު ކޮށްފައިވާ ކަމަށާއި، އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓަށް ނަގާ ސަރުކާރު ހިންގުމާއި އެމްޑީޕީން ވަރަށް އަވަހަށް ހަވާލުވާނެ ކަމަށް ރައީސް ނަޝީދު ރޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަ އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ނަޝީދަށް ރައްޔިތުން ނޫނެކޭ ބުނިގޮތަށް މަޖިލިސް އިންތިހާބުގައިވެސް ނަޝީދަށް ނޫނެކޭ ބުނެ ރައްދުދޭނީ ރައްޔިތުން ކަމަށެވެ. އަދި ވިދާޅުވީ އަނެއްކާވެސް ނަޝީދު އެ ގެއްލުވާލި މަޖިލީސް އިންތިހާބުގެ ވޯޓުތަކެއް ކަމަށެވެ.
މުއާޒް ވިދާޅުވީ ރިޔާސީ އިންތިހާބުގައިވެސް ރައީސް ޔާމީން އާއި ދެކޮޅަށް ނަޝީދު ނިކުމެ ވަޑައިގެންނެވީ "ނަނާ ހުވަފެންފުޅަކާއެކު" ކަމަށާއި އެފަހަރުވެސް ނަޝީދު ފެއިލްވެ ވަޑައިގެންނެވީ ކަމަށެވެ. އަދި ވިދާޅުވީ ނަޝީދުގެ "ނަމަނަމަ" ކިޔައިގެން ގެންގުޅޭ ލިސްޓު ނުނިމޭނެ ކަމަށާއި "ނަމަ ގުޅި" ދުވަހަކުވެސް ނުފުރޭނެ ކަމަށެވެ.
"އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާންކުރުމުން ނޫނީ ގެއަށް ވަޑައިނުގަންނަވާނެ ކަމަށް ވެސް. އެހެންތޯ އެކަންވީ. ނަޝީދު ވިދާޅުވެ ޕާޓީއަށް ތާއީދުކުރާ ގިނަ ޒުވާނުންތަކެއް މަގުމައްޗަށް މުޒާހަރާކުރަން ނެރެ ނަޝީދު އޮންނެވީ ގޭގަ ނޫންތޯ. އެކަހަލަ ބޭފުޅެއްގެ ވާހަކަ ތިދައްކަވަނީ" މުއަޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު ޑިމޮކްރަސީ ސިފަކުރައްވާ ގޮތް އިއްޔެ ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހިނގައްޖެ ކަމަށާއި އިއްޔެ ދެއްކެވި ވާހަކަފުޅުތަކުން ދޭހަވެގެން ދަނީ ރާއްޖޭގެ ތަރައްގީ އާއި އިގްތިސޯދާއި ދޭތެރޭގައި އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތް ކަމަށެވެ.
"ނަޝީދު ސިފަކުރައްވާ ގޮތުގައި ޑިމޮކްރަސީއަކީ ތޮޅާފޮޅުމާއި ތަންތަނުގައި ހުޅުޖެހުން. އެއީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅުތަކާ ދޭތެރޭގައި ސަރުކާރުގެ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށާއި ރައްޔިތުންގެ ފުރިހަމަ ތާއީދު ސަރުކާރަށް އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބުގައިވެސް މެޖޯރިޓީ ލިބިފައި އޮތީ ސަރުކާރު ހިންގާ ކޯލީޝަނަށް ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބު ވެސް ސާފު އަޣުލަބިއްޔަތު ސަރުކާރު ހިންގާ ކޯލީޝަނުން ކާމިޔާބު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ