މޫސުން ގޯސްވުމުގެ ސަބަބުން ނައިޓް މާކެޓް މިރޭ ނުބާއްވާ ގޮތަށް ނިންމައިފި

ރޭ ހުޅުވި މިއަހަރުގެ ނައިޓް މާކެޓް މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ނުބާއްވާ ގޮތަށް ނިންމައިފިއެވެ.
ކޮންމެއަހަރަކުވެސް ރޯދަމަހާ ދިމާކޮށް މާލޭގައި ބާއްވަމުން އަންނަ ނައިޓް މާކެޓް މިރޭ ނުބާއްވާ ގޮތަށް ނިންމީ މެޓް އޮފީހުގެ ލަފާގެ މަތިން މިއަދާ މިރޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަމަށް ނައިޓް މާކެޓް މިއަހަރު އިންތިޒާމު ކުރަމުން އަންނަ ގޯ މީޑިއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް އާމިރު ވިދާޅުވިއެވެ.
އާމިރު އިތުރަށް ވިދާޅުވީ މިރޭ ނައިޓް މާކެޓް ނުބޭއްވުނު ކަމުގައިވިއަސް މާދަމާރޭ ބޭއްވޭނެ ކަމަށާއި އަދި ނައިޓް މާކެޓް ނުބޭއްވޭ ކެންސަލްވާ ކޮންމެ ރެއަކަށް ރެއެއް އިތުރު ކުރައްވާނެ ކަމަށެވެ.
"މިއަދު އެސަރަހައްދުގައި ކެތްވާވަރެއް ނޫން. މުޅި އެސަރަހައްދު އެއޮތީ އެފުއްމިފުށަށް ޖެހިފަ. މެޓުންވެސް ބުނީ މިރޭ މޫސުން ގޯސްވާނެކަމަށް. އެހެންވެ އަޅުގަނޑުމެން ނިންމީ މިރޭ ނުބާއްވަން. ނަމަވެސް މާދަމާ ރޭ ބާއްވާ ގޮތަށް އަދި އޮތީ،" އާމިރު ވިދާޅުވިއެވެ.
ރާއްޖޭ މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ "ޔެލޯ އެލާރޓް" ނެރެފައެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބާރު ވަޔާއި އެކު ކަނޑު ގަދަވުމުންނެވެ. މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރުމާއި އެކު ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ޔެލޯ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއިރަކަށް 30 މޭލާއި 40 މޭލު ބާރުމިނަށް އެރުމުންނާއި، ބޯކޮށް ހުއްޓުމެއްނެތި ދެ ގަދިއިރަށްވުރެ ގިނައިރު ވާރޭ ވެހުމުން ނުވަތަ ކަނޑު ގަދަވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ