ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފެއް ނުވާނެ، އެކަމަކު މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރާނީ އިޖްތިމާއީ ރައްކާތެރި ކަމުގެ ބިލު ފާސްވުމުން: ރައީސް

ސުޕްރީމް ކޯޓުގެ ހުކުމަށް ސަރުކާރުން ހިލާފުވެފައި ނުވާނެ ކަމަށާއި ނަމަވެސް މާލިޔައްތުގެ ގާނޫނު ތަސްދީގު ކުރައްވާނީ އިޖުތިމާއި ރައްކާތެރި ކަމުގެ ބިލު މަޖިލީހުން ފާސް ވުމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.އެ މަނިކުފާނު މިހެން ވިދާޅުވީ އިންސާނީ ބާރު ނުފޯރާ ހާލަތެއް މެދުވެރި ނުވާނަމަ ލަސްކުރުމަކާ ނުލައި މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވެވިތާ ދެ ދުވަސް ފަހުން، އަދި ހުކުރު ދުވަހުގެ ރޭޑިއޯ ތަގުރީރުގައި ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވެސް ވިދާޅުވުމަށް ފަހު އެވެ.މުލިއާގޭގައި މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމުގެ ސަބަބުން ސަރުކާރު ހިންގުމުގެ އެތައް ކަމަކަށް ބުރޫއަރައިފާނެ ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ދަންނަވާފައިވާނެ ކަމަށެވެ."އެތައް ކަމަކަށް ބުރޫއަރައި ގޮސްފާނެ ކަމަށް އަޅުގަނޑަށް ގާނޫނީ ލަފާ ލިބިފައިވުމާއެކު އެ ގާނޫނު ތަސްދީގު ކުރުން އަޅުގަނޑު ލަސްކޮށްފައިވާނެ. ހާއްސަ ގޮތެއްގައި އަޅުގަނޑަށް ފެނުނު ގޮތުގައި އަދި އަޅުގަނޑަށް ލަފާ ލިބުނު ގޮތުގައި އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ ގޮތުން ސަރުކާރުން ހިންގަމުން ގެންދާ ކިތަންމެ ޕްރޮގްރާމަކަށް މާލިއްޔަތުގެ ގާނޫނުގެ ސަބަބުން ހުރަސް އަތުވެދާނެ ކަމަށް އަޅުގަނޑަށް ލަފާ ލިބޭތީ ތަސްދީގު ނުކޮށް މަޑުކޮށްފައި އެއޮތީ،" ރައީސް ވިދާޅުވި އެވެ.ސުޕްރީމް ކޯޓްގެ ހުކުމުގައި ބުނަނީ "... އިންސާނީ ބާރު ނުފޯރާފަދަ އިހުތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ ލަސްކުރުމަކާ ނުލައި އެ މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ރައީސުލް ޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރަންވާނެ ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން" ކަމަށެވެރައީސް މިރޭ ވިދާޅުވީ މިދިޔަ އޮކުޓޫބަރު ހިސާބުގައި ޑީއާރްޕީގެ ލީޑަރު ތަސްމީނަށް ސިޓީއެއް ފޮނުއްވައި އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ގާނޫނީ އޮނިގަނޑެއް އެކުލަވައިލާ ނިންމައިގެން މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމުގެ ކަންކަން ކުރަން ދަންނަވާފައިވާނެ ކަމަށެވެ."އެހެން ނަމަވެސް އެބޭފުޅުންނަކަށް މަޝްވަރާއަކަށް ނީންށީދެވުނު އެހެންވެ މިހާރު މިދިޔަ ހަފުތާގައި ވާނީ އިޖްތިމާއީ ރައްކާތެރިކަމާބެހޭ ބިލެއް މަޖިލީހަށް ފޮނުވާފައި އެ ބިލު ފާސްވުމާ އެކީގައި މާލިއްޔަތުގެ ގާނޫނު ވެސް ތަސްދީގު ވެގެންދާނެ އަޅުގަނޑުގެ ވެސް އެދުމަކީ ވީހާވެސް އަވަހަކަށް އެ ގާނޫނު ތަސްދީގު ކުރުން،" ރައީސް ވިދާޅުވި އެވެ. ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ މާލިއްޔަތުގެ ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމަކީ ވީހާވެސް އަވަހަކަށް ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ."އަޅުގަނޑު ވެސް މިދެކެނީ އަޅުގަނޑުމެން ވެސް ބޭނުމީ ވީހާވެސް އަވަހަކަށް އެކަން ކުރުމަށް. ސުޕްރީމް ކޯޓުގެ ހުކުމަކާ މި ސަރުކާރުން އިންކާރެއް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.ސުޕްރީމް ކޯޓުގެ ހުކުމުގައި އިންސާނީ ބާރު ނުފޯރާ ހާލަތެއް މެދުވެރި ނުވާނަމަ ލަސް ނުކޮށް ތަސްދީގު ކުރުމަށް ބުނާއިރު އިޖުތިމާއީ ރައްކާތެރި ކަމަށް އެޅިފައިވާ ހުރަސް ތަކަކީ އިންސާނީ ބާރު ނުފޯރާ ކަމަކަށް ރައީސް ސިފަ ކުރައްވަނީތޯ ސުވާލު ދެންނެވުމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ އެމަނިކުފާނަށް ގާނޫނީ ލަފައެއް ވަރަށް ސާފުކޮށް ހޯއްދަވަން ބޭނުންފުޅުވާ ހުކުމެއް ކަމަށެވެ."ގާނޫނީ ލަފާ އަޅުގަނޑަށް ވަރަށް ސާފުކޮށް ހޯދަންޖެހޭ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން،" ރައީސް ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވީ އެކަމުގައި އަމަލު ކުރެވިދާނެ ދެ ގޮތެއް އެބައޮތް ކަމަށާއި އެއް ގޮތަކީ މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމަށް ފަހު އެގާނޫނު ސުޕްރީމް ކޯޓަށް ތަރުޖަމާ ކުރަން ފޮނުވުން ކަމަށެވެ."ސުޕްރީމް ކޯޓުން ގޮތެއް ނިންމަވައި ދެއްވުން އެ ގާނޫނަށް އަޅުގަނޑުމެން އަމަލުކުރަން ފަށައިފިނަމަ ދެން ދިމާވެދާނެ ކަންތައްތަކަކީ ކޮބައިތޯ ނުވަތަ އެ ގާނޫނު ކޮން މިންވަރަކަށްތޯ ގާނޫނު އަސާސީއާ ހިލާފީ،" ރައީސް ވިދާޅުވި އެވެ.ދެވަނަ ގޮތެއް ކަމަށް ރައީސް ވިދާޅުވީ މާލިއްޔަތު ގާނޫނު ތަސްދީގު ކުރުމުން ދިމާވާނެ ނުރަނގަޅު ކަންކަމާއި ހުރަސް ދެނެގަނެ ގާނޫނަކުން ރަނގަޅު ކޮށްގެން ކުރިޔަށް ދިއުން ކަމަށެވެ." އެހެންނަމަވެސް އަޅުގަނޑު ދެކެނީ ސިޔާސީ ވެރިން ހިކުމަތްތެރިކަމާއެކުގައި  ސިޔާސީ ކަންކަން ނިންމަމުން ގެންދަން ޖެހޭނޭ. ކޮންމެ ކަމެއް ދިމާވާއިރަށް ފަނޑިޔާރު ގެއަށް ދިއުމަކީ އެންމެ ބުއްދިވެރި ގޮތަކަށް އަބަދު ނުވެދާނެ،" ރައީސް ވިދާޅުވި އެވެ. "ގާނޫނީ އެއްވެސް ހުކުމަކާ، ސުޕްރީމް ކޯޓުގެ ހުކުމަކާ އަޅުގަނޑުމެން މިހާތަނަށް ހިލާފުވެފައެއް ނޯންނާނެ އަދި މިއީ ގާނޫނީ ދައުލަތެއް ގާނޫނީ ހުކުމަކާ އަޅުގަނޑުމެން ހިލާފެއް ނުވަން،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ