ޕްރޮސެކިއުޓާ ޖެނަރަލް ޕީޖީ އޮފީހުގެ މައްސަލަތައް ބަލައިގަތުމަށް އަންގާ ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ކޮޕީއާއެކު ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު މައްސަލަތައް ފޮނުވުމުން މިއަދުވެސް ކޯޓުން މައްސަލަތައް ބަލައިނުގަނެ ފޮނުވާލައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުން މިއަދު 35 މައްސަލައެއް ކްރިމިނަލް ކޯޓަށް ފޮނުވުމުން އެއްވެސް މައްސަލައެއް ބަލައިގެންފައި ނުވާ ކަމަށާއި އަދި މައްސަލަ ބަލައިނުގަންނަން އެންގި ފަރާތެއް ވެސް ބުނެދީފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ހަމަ މާދަމާ ވެސް އަނެއްކާ މައްސަލަތައް ކޯޓަށް ފޮނުވާނަން. ޕީޖީ އޮފީހުގެ ޒިންމާ މިއޮފީހުން އަދާކުރާނެ. މިހާރު ވެސް އަޅުގަނޑުމެން ކޯޓް ތަކަށް ފޮނުވަންޖެހޭ 400 އަށް ވުރެ ގިނަ މައްސަލަ އެބަހުރި" ޝަމީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރު ނެރުމުން ވެސް ކްރިމިނަލް ކޯޓުން ޕީޖީ އޮފީހުގެ މައްސަލަތައް ބަލައިނުގަންނާތީ މިއަދު ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ސިޓީއެއް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އެސިޓީގައި އެދިފައިވާނީ ކްރިމިނަލް ކޯޓުން އަމަލުކުރަމުންދާ ގޮތް އިސްލާހު ކޮށްދެއްވުމަށް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ކްރިމިނިލް ކޯޓަށް ފޮނުވާ މައްސަލަތައް ބަލައިގަތުން މިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު ކޯޓުން މެދުކަނޑާލީ ޕީޖީގެ ގާނޫނުގައި ޕީޖީގެ މަގާމު ހުސްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަންޖެހޭނެ ކަމަށް ބުނެފައިވާތީ އެމުއްދަތުގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވިފައި ނުވާ ކަމަށް ބުނެ އެވެ. ނަމަވެސް ކޯޓުން އެދުވަހު ބުނީ ސުޕްރީމް ކޯޓުން އަންގާ ގޮތަކަށް އަމަލުކުރާނެ ކަމަށެވެ.
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިނުގަންނަ ސަބަބެއް ސާފުކުރުމަށް ގުޅާލުމުން ކޯޓުގެ އޮފިޝަލުން ފޯނަށް ޖަވާބެއް ނުދެއްވާތީ ކްރިމިނަލް ކޯޓުގެ ބަހެއް ވަނީ މިމައްސަލައިގައި ލިބޭ ގޮތް ނުވެފަ އެވެ.
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ބަލަނުގަންނަނީ ހަމައެކަނި ކްރިމިނަލް ކޯޓުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރާއެކު ފޮނުވުމުން ވެސް މައްސަލަތައް ބަލައެއް ނުގަނޭ: ޕީޖީ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ