ތަސްމީނުގެ ސަބަބުން ރައީސް ވަހީދުގެ މަގްބޫލުކަންދަނީ ކުޑަވަމުން: އުމަރު

ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓަކަށް ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ހަމަޖެއްސުމުން ރައީސް ވަހީދުގެ މަގްބޫލުކަން ކުޑަވަމުން ދާކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްކަމަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރައީސް ވަހީދުގެ ކޯލިޝަނަކީ ފޮތުގައި އޮތް ބޮޑު ކޯލިޝަނެއް ނަމަވެސް ރައްޔިތުންގެ ތާއީދަށް ބަލާއިރު ބޮޑު ކޯލިޝަނެއްކަމަށް ގަބޫލު ނުކުރެވޭކަމުގައެވެ. އުމަރު ވިދާޅުވީ ކޯލިޝަނުގައި އޮތް އެންމެ ބޮޑު ޕާޓީގެ މެމްބަޝިޕް ބޮޑުކަމަށް ދެއްކިނަމަވެސް ހަގީގަތުގައި ޑީއާރުޕީއަށް ތާއީދުކުރާ ސަޕޯޓަރުންނެއް ރާއްޖޭގައި ނެތްކަމުގައެވެ.
އަދި ރައީސް ވަހީދުގެ ކޯލިޝަނުގައި ކިރިޔާވެސް "ކަމެއްހުރި" ޕާޓީއަކީ އަދާލަތު ޕާޓީކަމަށާއި ދެންހުރި ޕާޓީތަކަކީ ހަގީގަތުގައި މެމްބަރުންތިބި ޕާޓީތަކެއް ނޫންކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ ހަރުމުދާތައް ވިއްކަމުން ގެންދިޔައިރު އަޑިއަޑިން ޑީލްތައް ހަދައި އެކަމުގައި އޭރުގެ ޑީއާރުޕީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިކަމުގައެވެ. އަދި ޖީއެމްއާރަށް އެއަރޕޯޓް ދިނުމުގެ މައްސަލާގައި ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ޑީލް ހައްދަވާފައިވާކަމަށާއި އެކަންކަމުގެ ސަބަބުން މިހާރު ރައީސް ވަހީދުގެ މަގްބޫލުކަން ގެއްލެމުންދާކަމަށް އުމަރު ވިދާޅުވިއެވެ.
އަދި ތަސްމީންގެ ސާބިތު ތަރަންޏެއްގެ މައްސަލަ މިހާރުވެސް ކޯޓަތަކުގައި ހިނގަމުންދާއިރު ރައީސް ވަހީދުގެ ރަނިންމޭޓެއްގެ ގޮތުގައި ތަސްމީނަށް ވާދަކުރެއްވިދާނެކަމާއިމެދު ސުވާލު އުފެދޭކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އިންތިހާބަށް ކުރިމަތި ލެއްވުމުގެ ކުރިން ތަސްމީން ރަނިންމޭޓަކަށް ބެހެއްޓުމާއިމެދު ރައީސް ވަހީދު ވިސްނާވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމުގައެވެ.
އުމަރު ވިދާޅުވީ ބޮޑު ކޯލިޝަނަކަށް ކުރެވުނު މަސައްކަތް ނާކާމިޔާބުވެފައިވަނީ ރައީސް ވަހީދު ދޫދެއްވަން ޖެހިވަޑައިގަންނަވާ ކަންކަމުގައި ދޫ ނުދެއްވުމުންކަމުގައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްނުލާ ހެދޭ ކޯލިޝަނަކީ ބާރެއްހުރި ކޯލިޝަނެއް ނޫންކަމަށާއި ކޯލިޝަނުގެ ތެރެއަށް ގާސިމް ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ރައީސް ވަހީދު ދޫ ނުދެއްވުމުން ކަމުގައި އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ މިހާރު ކަން ގޮސްފައިވާ ހިސާބަށް ބަލާއިރު ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވޭނެކަމަށް ބެލެވޭ ކަމުގައެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ އެކަމުގެ ޒިންމާ ޖުޑިޝަރީއާއި ޤާނޫނު ތަންފީޒްކުރާ ފަރާތްތަކުން ނަގަންޖެހޭނެކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ