ހޯރަފުށި ފިހާރައަކުން ވަގަށް ނެގި ތަކެތި ހޯދާ ދެ މީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށީ ފިހާރައެއް ފަޅާލައި އެފިހާރައިން ވަގަށް ނަގާފައިވާ ފައިސާއާއި ސާމާނުތަކެއް ހޯދައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިން ކަމުގައި ފުލުހުން ބުނެ އެވެ.
ހޯރަފުށީ ޓްރެންޑް ޕްލަސް ފިހާރަ ފަޅާލައި އެތަނުން ފައިސާއާއި ސާމާނުތަކެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ މިމަހުގެ އަށްވަނަ ދުވަހުގެ ހެނދުނު ހޯރަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައިގެ ތުހުމަތުގައި އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހޯރަފުށިންނެވެ.
ވަގަށް ނަގާފައިވާ ފައިސާއާއި ސާމާނުތައް ފެނިފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުން ދިރިއުޅެމުންދާ ގެއިންނާއި ހޯރަފުށި އަތިރިމަތީގައި ވަޅުލާފައި ވަނިކޮށެވެ. ފުލުހުން ހޯދި މިތަކެތީގެ ތެރޭގައި ފައިސާގެ އިތުރުން ސިނގިރޭޓާއި ބައެއް އިލެކްޓްރޯނިކް ސާމާނާއި ލުއި ބުއިންތަކާއި ކޮސްމެޓިކް ސާމާނު ހިމެނެ އެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ތެރެއިން 20 އަހަރުގެ މީހާއަކީ ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި 30 އަހަރުގެ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާތީ ހޯރަފުށި ޕޮލިސް ސްޓޭޝަނުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ