ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓުން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމަންޓުތައް ގަތުމަށް ފައިސާ ދެއްކި މީހުންގެ ފައިސާ އަނބުރާ ދީފައިނުވާ 146 މީހެއްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވަނީ އެ މައްސަލައިގައި ސީލައިފް ގްލޯބަލް ކުންފުންޏާއި، ހައުސިން ޑިވެލޮޕްޓަމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން، ހައުސިން މިނިސްޓްރީއާ ދެކޮޅަށް ދައުވާ އުފުލާފައެވެ.
146 މީހުންގެ ފަރާތުން ޝުނާނާ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ފަސް ކަމަކަށް އެދިފައި ވެއެވެ. އެއީ ޑައުން ޕޭމަންޓުގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ދެއްކުން، ފްލެޓް ނުލިބި ހުރި ދުވަސްތަކުގައި މާކެޓް އަގަށް އައި ބަދަލާއެކު ފްލެޓްގެ އަގު ދަށްވުން ބަދަލުދިނުން، އެޗްޑީސީއިން އަޅާ ފްލެޓްތައް ގަތުމުގެ ފުރުސަތު ދިނުމަށް ކަނޑައެޅުން، ފްލެޓްތައް ގަތުމަށް ލޯނު ނެގި މީހުންނަށް އެ ކަމުގެ ބަދަލުގެ ދިނުން، އަދި ސީލައިފް ކުންފުންޏާއި، އެ ކުންފުނީގެ ޑައިރެކްޓަރުންގެ އަތުން އެޗްޑީސީއަށާއި ސަރުކާރަށް ބަދަލު ނެގޭނެ ކަމަށް ކަނޑައެޅުމެވެ.
ސީލައިފުން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމަންޓުތައް ގަތް ފަރާތްތަކުގެ އަތުން ޑައުންޕޭމެންޓުގެ ގޮތުގައި 50000 ރުފިޔާ ނެގިއެވެ. އެހެން ނަމަވެސް، އެ އެޕާޓްމެންޓުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާއިރު، އެ ފައިސާތައް އަނބުރާ ދީފައެއް ނުވެއެވެ.
އެ ކަމުގައި ކޮރަޕްޝަންގެ މުއާމަލާތްތައް ހުރި ކަމުގެ ތުހުމަތުގައި، އެ ކަން ތަހުގީގު ކޮށްދިނުމަށް އެދި ޝުނާނާ ވަނީ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހަށް ވަނީ ހުށަހަޅުއްވާފައެވެ.
ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު ކުރިން ވިދާޅުވެފައި ވަނީ ފައިސާ ނުދެއްކޭ ފަރާތްތަކަށް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ފައިސާ ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެ ފައިސާ އަނބުރާ ދީފައެއް ނުވެއެވެ. އޭގެ ފަހުން މި މައްސަލައާ ގުޅިގެން އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ސީލައިފުން ފައިސާ ނުދޭ 146 މީހެއްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ